ދެވަނަ ހާފުގައި ތަފާތު ދައްކައި 2-0 އިން ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ބަލިކޮށް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދިއުމުގެ އުއްމީދު ބޮޑުކޮށްފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީ އަށް މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. މި ހާފުގައި ޕީއެސްޖީން ގޯލެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ފޯވަޑް އުސްމާން ޑެމްބެލޭ އެވެ. މެޗުގެ ކުރީކޮޅު ޑެމްބެލޭ އަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ ކީޕަރު މަތަކުރިއިރު އޭގެ ފަހުން ކީލިއަން އެމްބާޕެ އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.
ޕީއެސްޖީ އަށް ސޮސިއެޑާޑުގެ ގޯލު ފޫއަޅުވާލެވުނީ މެޗުގެ 58 ވަނަ މިނެޓުގައެވެ. މާކީނިއޯސް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލް ޖެހީ އެމްބާޕެ އެވެ. އޭގެ ފަހުން ފަބިއަން ރުއިޒް ދިން ޕާހެއްގައި ޕީއެސްޖީއަށް ލީޑު ފުޅާކޮށްދިނީ ޒުވާން އަރަމުން އަންނަ ތަރި ބްރެޑްލީ ބަކޯލާ އެވެ.
ޕީއެސްޖީ އަށް ކުރިއަށް އޮތީ މި މަހުގެ 18 ވަނަ ދުވަހު ފްރެންޗް ލީގުގައި ނަންޓެސްއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. އަނެއްކޮޅުން ސޮސިއެޑާޑުން ނުކުންނާނީ ލަލީގާ މެޗެއްގައި މަޔޯކާއާ ދެކޮޅަށެވެ.
ސޮސިއެޑާޑުގެ ދަނޑުގައި މި ދެ ޓީމް ބައްދަލުކުރާ ގަދަ ސޯޅައިގެ ދެވަނަ ލެގު މެޗު އޮންނާނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

