އޭޝިއާގެ ކްލަބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ހަމައެކަނި ގޯލުން އަލް ފައިހާ ބަލިކޮށް އަލް ނަސްރުން ކުއާޓާގެ ޖާގައަކާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފި އެވެ.
ގަދަ ސޯޅައިގެ ފުރަތަމަ ލެގު ރޭ ކުޅުނީ އަލް ފައިހާގެ ދަނޑުގަ އެވެ. މުޅި މެޗުހެން ޑޮމިނޭޓު ކޮށްގެން ކުޅެ އަލް ނަސްރުން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. ފުރަތަމަ ހާފުގައި ނަސްރަށް ލީޑު ނަގައިދޭން ރޮނާލްޑޯ އަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ޖެހި ބޯޅަ އިދިކޮޅު ކީޕަރު ވަނީ މަތަކޮށްފައެވެ. މީގެ އިތުރުން ނަސްރުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓަށް ލިބުނު ފުރުސަތުގައި ފްރާންސްގެ ޑިފެންޑަރު ފޮނުވާލި ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށެވެ.
ގޯލެއް ޖެހޭތޯ ނަސްރުން ކުރަމުން އައި މަސަތްކަތް އެންމެ ފަހުން ކާމިޔާބުވީ މެޗުގެ 81 ވަނަ މިނެޓުގައެވެ. ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި ރޮނާލްޑޯ ގޯލް ޖެހީ ކީޕަރު ބޯމަތިން ބޯޅަ ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ލެގު އަލް ނަސްރުން ކާމިޔާބުކުރި އިރު މި ދެ ޓީމު ނަސްރުގެ ދަނޑުގައި ކުޅޭ ދެވަނަ ލެގު އޮންނާނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ކުރިން ސައުދީ ޕްރޯ ލީގު މެޗެއްގައި އަލް ފަތުހާއާ ދެކޮޅަށް އަލް ނަސްރުން މި މަހުގެ 17 ވަނަ ދުވަހު ނުކުންނާނެ އެވެ.

