ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އިޓަލީގެ ލާޒިއޯ އިން ޖަރުމަނުގެ ވަރުގަދަ ބަޔާން މިއުނިކުގެ މައްޗަށް އަތްގަދަކޮށްފި އެވެ.
ލާޒިއޯގެ ދަނޑުގައި ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-0 އިންނެވެ. މެޗުގައި ލާޒިއޯ އިން ޖެހި ހަމައެކަނި ގޯލް ލިބުނު ޕެނަލްޓީ އަކުން ޖެހީ އިޓަލީގެ ތަޖުރިބާކާރު ފޯވަޑް ސީރޯ އިމޯބިލޭ އެވެ. މިއީ 67 ވަނަ މިނެޓުގައި ލާޒިއޯ އިން އުފެއްދި ހަމަލާއެއްގައި އެ ޓީމުގެ އައިސާކްސަން އަށް އޭރިއާ ތެރެއިން ބަޔާނުގެ ޑިފެންޑަރު އުޕަމެކާނޯ ކުރި ފައުލަކާ ގުޅިގެން ރެފްރީ ލާޒިއޯ އަށް ދިން ޕެނަލްޓީ އެކެވެ.
އުޕަމެކާނޯގެ މި ފައުލާއި ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. މެޗުގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބަޔާނަށް މެޗުގައި ލާޒިއޯގެ ގޯލާ އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވޭ ކަން ފާހަގަކޮށްލެވެ އެވެ.
ލާޒިއޯގެ ފަރާތުން މެޗުގައި ފެނިގެންދިޔައީ ޑިފެންސިވްލީ މޮޅު ގޭމް ޕްލޭނެކެވެ. ބަޔާނުން މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތްކުރި ނަމަވެސް ލާޒިއޯގެ ކުޅުންތެރިން އެއަށްވުރެ ހުޝިޔާރެވެ. މަޝްހޫރު ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން ކުޅޭ ލާޒިއޯގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގު އޮންނާނީ އަންނަ މަހުގެ ކުރީކޮޅު އެވެ.

