ގުޅީފަޅު ހިއްކުން މަޑުޖައްސާލަން ހައިކޯޓުން ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމާފައިވާކަމަށް ބަންޑާރާ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓްގައި އުޝާމް ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަަމަށާއި، އެހެންކަމުން އެތައް ބިލިއަން ރުފިޔާގެ އަގުހުރި ޕްރޮޖެކްޓެއްގެ މަސައްކަތް ހުއްޓިފައި އޮންނަ ކޮންމެ ދުވަހަކީ ދައުލަތަށް އެތައް މިލިއަން ރުފިޔާއެއްގެ ގެއްލުން ވާނެ ދުވަހެއްކަމަށެވެ.
ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ވަގުތީގޮތުން މަޑުޖައްސާލަން ހައި ކޯޓުން ވަނީ އަމުރު ނެރެފައެވެ. އަދި އެ މައްސަލަ ސިވިލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ކުރިއަށެވެ. ސިވިލް ކޯޓުގައި ކުރިއަށްދާ މައްސަލައިގައި އެ ކޯޓުން ވަނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ހުއްޓާލަން ނުފެންނަ ކަމަށް ވެސް ވަނީ އަމުރު ނެރެފަ އެވެ.
ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓަން އަމުރުކޮށްފައެވެ.

