ކޮންމެ ދިވެހި ދަރިއަކުވެސް ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދީނާއި ޤައުމަށް ޚިދުމަތްކުރުމަކީ ލިބޭ އުފަލެއްކަމުގައި ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޝަހީދުންގެ ދުވަހުގެ މުނާސަބަތު ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވ.
ނައިބު ރައީސް ވިދާޅުވީ ދިވެހި ފަސްގަނޑުގެ ދިފާއުގައި ޖިހާދުކުރެއްވި އެންމެހާ އަބުޠާލުންގެ ޖިހާދުން މުހިންމު ދަރުސްތަކެއް ލިބިގެންދާކަމަށާއި އެގޮތުން ތިމާގެ އަމިއްލަ މަސްލަހަތަށްވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރުމާއި ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކުޑަކޮށްވެސް ފަހަތަށް ނުޖެހުން ފަދަ ދަރުސްތައް ލިބިގެންދާކަމުގައެވ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އަލިރަސްގެފާނުގެ ޖިހާދުގެ ޢިބުރަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަހަރުގެ ޝަހީދުންގެ ދުވަހު ދެއްވި ޚިޠާބަކީ ކިޔަވާކުދިންގެ ހިތްތަކުގައި ބިންވަޅު ނެގޭނެފަދައިން އުގަންނައިދޭންޖެހޭ ފިލާވަޅުތަކެއް ހިމެނޭ ޤައުމީ ޚިޠާބެއްކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ އެމަނިކުފާނު ވަނީ މި ދުވަހަށް ދޭންޖެހޭ ޚާއްސަ ދަރަޖަ ދެއްވައިގެން ޤައުމީ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކުރައްވަން އަލުން ފެއްޓެވިކަމަށްޓަކައި ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހި ތާރީޚުގައި ރަން އަކުރުން ފެވިފައިވާ އަލިރަސްގެފާނުގެ ޤުރުބާނީއަކީ ތާއަބަދަށް ހަނދާން ކުރަންޖެހޭ ކަމެއްކަމުގައި ވިދާޅުވިއެވެ. އަދި އެއީ ދިވެހި ޤައުމާއި، އިސްލާމީ ވަޙުދަތު ހިމާޔަތްކުރުމަށްޓަކައި ކުރަމުންގެންދާ މަސައްކަތުގައި ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެ ޖަލްސާގައި ނައިބުގެ އަނބިކަނބަލުން ޢާއިޝަތު އަފްރީން މުޙައްމަދުގެ އިތުރުން ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި ރާއްޖެއިން ބޭރުގެ ބައެއް ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

