އަމިއްލައަށް މަރުވުމަކީ އޭގެ ފާފަވެރިކަން ބޮޑު ނުބައި ޢަމަލެކެވެ. ތިބާގެ ހަށިގަނޑަކީ ތިބާ އެދޭހާ ގޮތެއް ހަދަން ލިބިފައިވާ އެއްޗެއް ނޫނެވެ. އެއީ ތިބާއާ ހަވާލު ވެވިފައިވާ އަމާނާތެކެވެ. އަމިއްލަ އަތުން ތިމާގެ ނަފުސު ހަލާކުގެ ތެރެއަށް އެއްލައިލުންވަނީ ނަހީކުރައްވާފައެވެ.
އަދި މާތް ﷲ އީ އޯގާވަންތަ އިލާހު ކަމުގައި ވީހިނދު، ތިމާ އަމިއްލައަށް މަރުވުން ވެސް ވަނީ ނަހީކުރައްވާފައެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَلَا تَقْتُلُوا أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا﴾ (النساء: ٢٩) މާނައީ: “އަދި، ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ޤަތުލު ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރަޙީމުވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.”
ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ގެ ޙަދީޘެއްގެ މާނައިގައިވެއެވެ. “އެއްޗެއް ބޭނުންކޮށް އަމިއްލައަށް މަރުވެގެންފި މީހާ ދަންނާށެވެ! އެ އެއްޗަކުން އޭނާއަށް ޤިޔާމަތްދުވަހުން ޢަޛާބު ދެއްވޭހުއްޓެވެ.” (ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމްއެވެ.)
އެހެން ޙަދީޘެއްގައިވެއެވެ. “مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ شَرِبَ سُمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا، وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَخَالِدًا مُخَلَّدًا فِيهَا أَبَدًا” (متفق عليه) މާނައީ: “ތޫނު ޚަންޖަރަކުން މީހަކު އޭނާގެ ނަފުސު ޤަތުލުކޮށްފި ނަމަ، އެ ޚަންޖަރު އަމިއްލަ ބަނޑަށް ހަރަހަރާ، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. އަދި ވިހައެއް ބޮއެގެން އަމިއްލައަށް މަރުވެއްޖެ މީހާ، އެ ވިހަ ބޮއެބޮއެ، ނަރަކައިގެ އަލިފާނުގައި އޭނާ އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ. ފަރުބަދައަކުން ފުންމާލައިގެން އަމިއްލައަށް މަރުވެއްޖެ މީހާ، ނަރަކައިގެ އަލިފާނުގައި ވެއްޓިވެއްޓި، އަބަދަށް ދާއިމަށް ދެމިހުންނާނެތެވެ.”
އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ކަށުނަމާދު ކުރަން ނުޖެހޭނޭ ކަމަށް ބައެއް މީހުން ދެކޭ ދެކުމަކީ އެ މީހުންނަށް ހީވެފައި އޮންނަ ކުށް ހީއެކެވެ.
އަމިއްލައަށް މަރުވި މީހެއްގެ މައްޗަށް ކަށުނަމާދު ކުރުމުން، މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم އެއްކިބާވެވަޑައިގަތެވެ. ނަމަވެސް އޭނާގެ މައްޗަށް ކަށުނަމާދު ކުރުމުގެ ހުއްދަ ޞަޙާބީންނަށް ދެއްވިއެވެ.
އަލްއިމާމުއް ނަވަވީ رحمه الله ވިދާޅުވިއެވެ. “އަމިއްލައަށް މަރުވި މީހާގެ މައްޗަށް ކަށުނަމާދު ކުރުމުގައި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ބައިވެރިވެވަޑައިނުގެންނެވީ، އޭނާގެ އެ ޢަމަލުގެ ނުބައިކަމާއި، އުރެދުމުގެ ބޮޑުކަމަށް ޓަކައެވެ. އެހެން މީހުން އެފަދަ ޢަމަލުތަކުން އެއްކިބާ ކުރެއްވުމަށް ޓަކައެވެ.”
މައުލޫމާތު: الشَّيْخ حَسَن مُوسَى فِكْرِي / ދީނުގެމަގު

