މާލެ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފައިވާކަން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މާލޭ ސަރަހައްދުގައި ހިންގާ ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން އިންސްޕެކްޓް ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ބަލާ ފާސްކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ ފެބްރުއަރީ މަހު 18 އިން ފެށިގެން ކަމަށް އެޗްޕީއޭގެ އިއުލާނުގައި ބުނެފައިވެ ވެއެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ސިއްހަތަށް ރައްކާތެރިގޮތުގައި ހިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުވުމުގެ ބޭނުމުގައި ހިންގާ އިންސްޕެކްޝަންގައި މާލޭ ސިޓީ ކައުންސިލާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލްގެ އިތުރުން ކަމާ ގުޅުން ހުރި އެހެން މުއައްސަސާތައްވެސް ބައިވެރިވާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

