ހަށިގަނޑާމެދު ފަރުވާވެ ސަމާލުކަން ނުދެވޭނަމަ އެކިކަހަލަ ތަދުތައް ވަރަށްވެސް މީހާއާ ރައްޓެހިވެދާނެއެވެ. ދިވެހިންގެ ތެރޭގައި އުނަގަނޑުގެ ތަދުތަކާއި ކަކުލު ހުޅުގައި ރިއްސުމާއި ކަނދުރާގައި ރިއްސުންފަދަ ތަދުތަކަކީ ވަރަށް އާންމު ތަދުތަކެކެވެ. ގިނަ ފަހަރު މިފަދަ ތަދުތަކަށް ފަރުވާ ހޯދަން އުޅުމުގެ ބަދަލުގައި "ވޮލިނީ"، "މޫވް" ފަދަ ކޮންމެވެސް ބޭހެއް އުނގުޅާލުމަކީ އާންމުކަމެކެވެ.
މިފަދަ ތަދުތަކަށް ގޭގައި ތައްޔާރުކޮށް، ބޭނުން ކުރެވިދާނެ ގުދުރަތީ ވަސީލަތްތަކުން އަމިއްލައަށް ތައްޔާރުކޮށްލެވޭނެ ފަރުވާއެއް މާބޮޑަށްވެސް ރަނގަޅުވާނެއެވެ. މިއީ ސައިންޓިފިކަލީ ޕްރޫވެން، މާނައަކީ ދިރާސާތަކުން ސައްހަކަމަށް ދައްކާ ތެލެކެވެ. މީގައި ބޭނުން ކޮށްފައި ވާ އިނގުރާއި، ޒައިތޫނި ތެލާއި
އިނގުރުގައި ކެލްސިއަމް، އެސެންޝަލް އޮއިލްސް، އެމިނޯ އެސިޑް، ފޮސްފަރަސް އަދި ވިޓަމިން ބީ އަދި ސީ އެކުލެވިގެންވެއެވެ. ހަމައެހެންމެ އިނގުރު ރިޖެނެރޭޓިވް އަދި އެފްރޯޑިސިއަކް މާއްދާތަކުން މުއްސަނދިވެސްމެއެވެ. އިނގުރާއި ޒައިތޫނި ތެލަކީ އޭގައި އެކުލެވޭ މާއްދާތަކުގެ ސަބަބުން ވޭނަށް ލުޔެއް ހޯދައިދިނުމަށް ގޭގައި ބޭނުންކުރާ އެންމެ ރަނގަޅު އެއް ފަރުވާއެވެ. މިއީ ބާރުގަދަ އެންޓި-އިންފްލެމޭޓަރީ، އެނާލްޖެސިކް އަދި ޑައިޔުރެޓިކް އެކެވެ. މީގެ އިތުރުން ވެސް ގިނަ ފައިދާތަކުގެ ތެރޭގައި ލޭ ދައުރުވުން ރަނގަޅުކޮށް، ހަޖަމުކުރުމުގެ މައްސަލަތަކަށް ފަރުވާ ދިނުމަށް އެހީތެރިވެދެ އެވެ.
ދެން އޮތީ ލޮނުގެ ވާހަކައެވެ. ލޮނުގެ ސަބަބުން ވެސް ވޭނަށް ލުޔެއް ލިބިގެންދެއެވެ. އިނގިރޭސިވިލާތުގެ ސައިންސްވެރިން ދާދި ފަހުން ވަނީ ލޮނު ފެނުން ފެންވެރުން، ނުވަތަ މޫދުލޮނުން ފެންވެރުމުން ވޭނަށް ލުޔެއް ލިބޭ ކަމަށް ބުނެފައެވެ.

މިއީ ހަމަ ޔަގީނުންވެސް ތަދު ކެނޑުމާއެކު ފިސާރި އަރާމާއި ލުއިކަން މީހާއަށް ގެނެސްދޭ އެހާމެ ހިތްހަމަޖެހުން ލިބިގެންދާނެ…..ފޮޓޯ:ހެލްތީޓިޕްސް
މި ދިރާސާއިން ދައްކާ ގޮތުގައި ލޮނު އެކުލެވޭ ކޮންމެ އެއްޗެއް، މާނައަކީ މޭޒުމަތީގައި މި ގެންގުޅޭ، ކެއުމުގައި ބޭނުން ކުރާ ލޮނުން ފެށިގެން މޫދު ލޮނާ ހަމައަށް، ގުނަވަންތަކުގެ އިންފްލެމޭޝަން ކުޑަކޮށްދޭނެއެވެ. އެހެެންނޫނަސް ޒަމާނުއްސުރެ ދިވެހިންނަކީ ހަށިގަނޑުގެ ތަދުތަކާއި ބޮޑެތި ވޭންތަކުން ސަލާމަތްވުމަށް މޫދަށް ފައިބާ، ލޮނުވެލި މޮޑެ، ލޮނުން ބޭނުން ހިފަމުން އަންނަ ބައެކެވެ. އެހެންކަމުން ލޮނަކީ ޝައްކެއް ނެތް މިންވަރަށް "ތަދުތަކާއި ރިހުން" ތަކަށް ހުރި ފަރުވާއެކެވެ.
ބޭނުންވާ ތަކެތި އަދި ތައްޔާރު ކުރާނެ ގޮތް:
-
މަތި ބަންދު ކުރެވޭ ކަހަލަ ކުޑަ ކޮންޓެއިނަރ، މާނައަކީ ޕްލާސްޓިކް ވިޔަސް ރަބަރު ނުވަތަ ބިއްލޫރި ނޫނީ ކޮންމެ ވައްތަރެއް ވިޔަަސް މަތި ބަންދުކުރެވޭފަދަ އެއްޗެއް ބޭނުން ކުރާށެވެ.
-
ހެޔޮވަރު ވަރުގެ ހަތަރު، ފަސް އިންޗީގެ ދެ އިނގުރުގަނޑު: އިނގުރުގެ ތޮށި މެށުމަށްފަހު ގާނާލާށެވެ.
-
ދެން ހޯދާފައި ހުރި ތަށި ނުވަތަ ފުޅިއަށް އަޅާށެވެ. އިނގުރު މަތިންލައި ފޮރުވޭ ވަރަށް، އިނގުރަށްވުރެ އިންޗިއެއް މައްޗަށް ހުންނަ ވަރަށް ޒައިތޫނު ތެޔޮ އަޅާށެވެ.
-
ދެން މޭޒުމަތީ ސަމުސަލެއްގެ، ބޮޑުސަމުސަލެއްގެ ހުންނަ ވަރަށް ލޮނު އަޅާށެވެ. ލިބެން ހުރިއްޔާ ފުށް ލޮނު(ގަނޑުގަނޑަށް ހުންނަ ކްރިސްޓަލް ލޮނު،) ވަރަށް ރަނގަޅެވެ. ނޫނީ ރާއްޖެއިން އާންމުކޮށް، ފިހާރަތަކުން ލިބެން ހުންނަ ޕެކެޓް ލޮނު ހަމަ ރަނގަޅެވެ. (ސަބަބަކީ ހޯދަން ދަތިވާނެތީއެވެ. އިހު، ނުވަދިހައިގެ އަހަރުތަކުގައި އަތޮޅުތަކުން ފެނުނަސް މިހާރު ފުށްލޮނު ފެންނަލެއް މަދުކަމެވެ.)
-
ރަނގަޅަށް އެއްކޮށްލުމަށްފަހު މަތި ބަންދުކޮށްލާށެވެ. 24 ގަޑިއިރު ވަންދެން ބަހައްޓާށެވެ.
-
އަދި ދެން ތަދުވެ، ރިއްސާ ކަކޫ ފަދަ ތަންތަނުގައި ރަނގަޅަށް އުނގުޅާލާށެވެ. ރިހުމަށް ލުއި ލިބޭ ވަރު އިހްސާސްކުރެވޭނެއެވެ.
ތަދުތަކަށް ލުއި ހޯދުމަށް ވޮލިނީ، މޫވް ފަދަ އެއްޗެހި ބޭނުން ކުރުމަށްވުރެ މި ފަރުވާ މާ ބޮޑަށްވެސް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
މިއީ ހަމަ ޔަގީނުންވެސް ތަދު ކެނޑުމާއެކު ފިސާރި އަރާމާއި ލުއިކަން މީހާއަށް ގެނެސްދޭ އެހާމެ ހިތްހަމަޖެހުން ލިބިގެންދާނެ ފަރުވާއެކެވެ.

