ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ ނަސްރު ހަސްފަތާލަށް ދެމުންދާ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން އެތަން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނަސްރު ހަސްފަތާލަކީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ މައި ހަސްފަތާލެވެ. ޔަހޫދީ ފައުޖުން ވަނީ ބަރު ހަތިޔާރާ އެކު އެ ހަސްފަތާލު ވަށައިލާފައެވެ. އަދި، އެ ތަން ވަނީ އެކަހެރި ކޮށްލފައެވެ.
ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން ފުރާނައަށް ނުރައްކާވެފައިވާތީ، ނަސްރު ހަސްފަތާލުގައި ހިމާޔަތް ހޯދަމުން ދިޔަ ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ތަން ދޫކޮށް ދާން ފަށާފައިވާ ކަމަށް އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ބުނެއެވެ. ދައުރުވަމުންދާ ވީޑިޔޯތަކުން ވެސް ފެންނަނީ، ޔަހޫދީންގެ ޙަމަލާތައް މެދުކަނޑައިލާ ވަގުތުތަކުގައި، ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލު ދޫކޮށް ދާން މަސައްކަތް ކުރާ މަންޒަރެވެ. އޭގެ ތެރެއިން ގިނަ މީހުން ނިކުންނަމުން ދަނީ އަމާން ދިދަ ހިފައިގެން ކަމަށް މައުލޫމާތުލިބެ އެވެ.
ޚާން ޔޫނިސްގެ ނަސްރު ހަސްފަތާލު ދޫކޮށް ގިނަ ޢަދަދެއްގެ ބަޔަކު އެހެން ސަރަޙައްދުތަކަށް ދަތުރު ކުރަން ފަށާފައި ވަނީ، އެ ހަސްފަތާލު ހުސް ކުރަން ޔަހޫދީ ފައުޖުން ޢަމުރެއް ނެރުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް، އެ ތަން ހުސް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކުން ވެސް ވަނީ ބުނެފައެވެ. ސަބަބަކީ، އެ ތަނުގައި ތިބި ބަލިމީހުން އެހެން ތަނަކަށް ގެންދެވެން ނެތުމާއި، އެ ތަނުގެ ތެރޭގައި އެތަކެއް ހާސް ޢާންމު ރައްޔިތުން ތިބުމެވެ.
ޔަހޫދީ ފައުޖުން މިހާރު ދަނީ ނަސްރު ހަސްފަތާލު ދޫކޮށް ނުކުންނަ މީހުންނަށް ސްނައިޕަރ ބަޑީގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ، ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނަސްރު ހަސްފަތާލު ކައިރީގައި ސްނައިޕަރ ބަޑިން ޙަމަލާދީ 10 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ވަނީ މުޅިންހެން ނެތިކޮށްލައިފައެވެ. މިހާރު ޞިއްޙީ ފަރުވާ ފޯރުކޮށްދެމުން ދަނީ މަދު ޢަދަދެއްގެ ހަސްފަތާލެއްގައެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ގިނަ ހަސްފަތާލުތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ ވީރާނާވެފައެވެ. މިހާރު ޚިދުމަތްދޭ ހަސްފަތާލުތަކުން ވެސް ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނުތައް ވަނީ ހުސްވެފައެވެ.
މިހާރު ޔަހޫދީ ފައުޖުގެ ޙަމަލާތައް އެންމެ ވަރުގަދަ ކޮށްފައި ވަނީ ޚާން ޔޫނިސްގައެވެ. އެ ރަށުގައި ޔަހޫދީ ފައުޖުން ދަނީ އަސްކަރީ ޓޭންކު ފަދަ ބަރު ހަތިޔާރާ އެކު ޙަރަކާތްތެރިވަމުންނެވެ. ޚާން ޔޫނިސަށް ފަހު، އެ ރަށުގެ ދެކުނުން އޮތް ރަފަޙަށް އަރައި، ޢުދުވާންތައް ފުޅާ ކުރާނެ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުން ވަނީ ދީފައެވެ. ރަފަޙްގައި މިހާރު 1.4 މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން އެބަތިއްބެއެވެ.

