އިންޑިއާއިން ރާއްޖެ ކައިރީ އޮންނަ މަލިކުގައި އަސްކަރީ ބޭސްއެއް އެޅުމަށް ނިންމައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަލިކުގައި ގާއިމްކުރާ އިންޑިއާ ކަނޑުގެ ސިފައިންގެ އަސްކަރީ މަރުކަޒު އިފްތިތާހުކޮށްދެއްވާނީ އަންނަ މާޗް މަހުގެ 4 ނުވަތަ 5 ވަނަ ދުވަހު އިންޑިއާގެ ޑިފެންސް މިނިސްޓަރ ޝްރި ރަޖުނަތު ސިންގް އެވެ. މި ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ މަލިކުގައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ދަތުރުފުޅަށްފަހު، ކަނޑުގެ ބިންތައް ރައްކާތެރިކުރުމަށްޓަކައި، އަގާޓީ އާއި މިނިކޮއި އައިލެންޑްސްގައި ވައިގެ މަރުކަޒުތަކާއި އެކު ކަނޑުގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، ކަނޑުގެ އަސްކަރިއްޔާގެ ފައުޖުތައް ހަރުދަނާގޮތެއްގައި ފުޅާކުރަން ވަނީ ނިންމައިފައެވެ.
ލަކްޝަދީބާއި މިނިކޮއި އައިލެންޑްސް އަކީ އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންދާ ސަރަހައްދެކެވެ. މިނިކޮއި އައިލެންޑްސް އަކީ ރާއްޖެއާ އެންމެ 524 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.
މޯދީގެ ސަރުކާރުން މިނިކޮއި އައިލެންޑްސްގައި އާ އެއާސްޓްރިޕެއް އެޅުމަށާއި އަގައްޓީ އައިލެންޑްސްގެ އެއާ ސްޓްރިޕް އަޕްގްރޭޑް ކުރަން ނިންމީ އައިއެންއެސް ޖަޓަޔޫގައި ނޭވަލް އެސެޓްތައް ބެހެއްޓުމުގެ ވިސްނުމާއެކުއެވެ. މިއީ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެހީތެރިވުމުގެ ގޮތުން، އެ ގައުމުގެ ޖަޒީރާ ސަރަހައްދުތައް ބޭނުންކޮށްގެން، އެ ސަރަހައްދުގެ ބާރުތައް ޕްރޮޖެކްޓް ކުރުމަށް މޯދީގެ ސަރުކާރުން ގެންގުޅުއްވާ ސްޓްރެޓެޖީގެ ތެރެއިން ނިންމި ނިންމުމެކެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ލަކްޝަދީބާއި މިނިކޮއި އައިލެންޑްސް އަޕްގްރޭޑް ކުރުމުގެ ސަބަބުން ކޮމާޝަލް ޝިޕިން ހިމާޔަތްކުރުމުގެ އިތުރުން އެ ރަށްރަށުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ވުމާއި އެ ސަރަހައްދުގެ ފަތުރުވެރިކަން ވެސް މިހާރަށްވުރެ ފުޅާވެގެންދާނެ އެވެ.

