ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަގާމުން އަޒުލުކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ހިމަނާފައިވާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ފުރަތަމަ އަޑުއެހުން މި މަހުގެ 25 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެ މައްސަލަ މިމަހުގެ 5 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 10:45 އަށެވެ.
މި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންވަނީ އެ ވަގުތީ އަމުރު ނެރުމަށް ނިންމާފައެވެ. އެގޮތުން އެ އިސްލާހަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާހެއްކަމަށް ދައުލަތުން ތުހުމަތުކުރާ ހާލަތުގައި އެ އިސްލާހަށް އަމަލުކުރުން މަޑުޖައްސަން ޖެހޭކަމަށް ފަނޑިޔާރުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ރައުޔާގައި ބުނެފައިވެއެވެ.
ގަވާއިދުގައި އޮންނަ ގޮތުން، ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން މަޖިލީހުގެ 2/3 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. އެއީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ކަމުގައިވާ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ރައީސް އަދި ނައިބު ރައީސް މަގާމުން ވަކިކުރުމުގެ މަރުހަލާތައް ފަސޭހަކޮށް، މަޖިލީހުގެ މެންބަރުންގެ ޖުމުލަ އަދަދާ، އަގުލަބިއްޔަތު ގުނާ ގޮތަށް ބަދަލުގެނެސްފައެވެ.

