ބޭކަން އާއި ސަލާމީ އަދި ސޮސެޖް ފަދަ، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް އާންމުކޮށް ކެއުމުން ގޮހޮރާއި އުރަމަތީ ކެންސަރަށް މަގުފަހިވާ ކަމަށް ދިރާސާއެއްގައި ބުނެފިއެވެ.
ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް ކެއުމަކީ ކެންސަރަށް މަގުފަހިވާ ކަމެއް ކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއު. އެޗް. އޯ) އިން ވެސް ވަނީ ބުނެފައެވެ.
ބޭކަން، ސަލާމީ އަދި ސޮސެޖް ފަދަ ޕްރޮސެސްޑް އެއްގަމު މަހުގެ ބާވަތްތަކަކީ ގިނަ ދުވަހަށް އެތަކެތި ރައްކާ ކުރުމުގެ ބޭނުމުގައި އެތައް ކެމިކަލެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗެވެ. މިބާވަތުގެ މަހާ ކެންސަރާ އޮތީ ކިހާވަރެއްގެ ގުޅުމެއްތޯ ބަލަން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް އާންމުކޮށް، ގިނައިން ކާ އަންހެނުންނަށް އުރަމަތީ ކެންސަރުގެ ނުރައްކާ، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް މަދުން ކާ އަންހެނުންނާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރެވެ.
ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބައެއް ބާވަތްތައް “ހައި ޓެމްޕެރޭޗާ” ގައި ތައްޔާރު ކުރުމުން އޭގައި ” ޕޮލީސައިކްލިކް” ކިޔާ ކެމިކަލެއް އުފެދިގެންދެ އެވެ. މިއީ ހަށިގަނޑުގެ ގޮހޮރުގެ ސެލްތަކަށް ގެއްލުންހުރި ކެމިކަލެކެވެ. ގިނަ ގިނައިން ޕްރޮސެސް ކޮށްފައި ހުންނަ މަސް ކެއުމުން މިފަދަ ކެމިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވެ އެންމެ ފަހުން ކެންސަރަށް މީހާ ހުށަހެޅިގެންދިއުމުގެ ފުރުސަތު ބޮޑުވެ އެވެ.
މީގެ ކުރިން ހަދާފައިވާ އެތައް ދިރާސާތަކުގައި ވެސް މިފަދަ ބާވަތްތަކުގެ މަސް ގިނަ ގިނައިން ކެއުމުން ގޮހޮރާއި ބަނޑަށް އަދި ގުރުދާ އަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބުނެފައިވެއެވެ.

