މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ތަމްރީން ދިނުމަށް މެލޭޝިއާގެ ޖޮހޯރ ޕޯޓާއި އެކު އެއްބަސް ވުމެއްގައި ސޮއިކޮށްފިއެވެ.
މެލޭޝިއާގެ ޖޮހޯރ ޕޯޓްގައި އޮތް ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ސީ.އީ.އޯ ހާޝިމްއެވެ. ޖޮހޯރ ޕޯޓްގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މުހައްމަދު ޑެރިކް ބަޝީރު އެވެ.

މި އެއްބަސްވުމުގެ ދަށުން އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ކުރު މުއްދަތުގެ ތަމްރީނުތައް ޖޮހޯރ ޕޯޓް އިން ކުރިއަށް ގެންދާނެކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ. އަދި އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޖޮހޯރ ޕޯޓްގައި ކުރު މުއްދަތަކަށް މަސައްކަތްކޮށް، ތަޖުރިބާ ހޯދުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށާއި މިއީ މުވައްޒަފުންގެ ކުރިއެރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެމްޕީއެލުން ދެކެއެވެ.

މެލޭޝިއާގެ ޖޮހޯރ ޕޯޓަކީ ފުރަތަމަ ފަހަރަށް ފްރީ ޒޯންގެ ދަރަޖަ ދީފައިވާ ބަނދަރެވެ. ، ޖޯހޯރު ބަނދަރަކީ އެ ގައުމުގެ ފްރީ ޒޯން ސަރަހައްދު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފްރީ ޒޯން އޮތޯރިޓީ އެވެ.

ރީޖަނަލް ކޮމޮޑިޓީ ހަބެއްގެ ހައިސިއްޔަތުން ޖޯހޯރު ޕޯޓަކީ ދުނިޔޭގެ އެންމެ ބޮޑު އެޑިބަލް އޮއިލް ޓާމިނަލް އެވެ. މިއީ އެލްއެމްއީ ކާގޯ އަށް މި ސަރަހައްދުގެ އެންމެ ބޮޑު އެއް ހަބެވެ. ޖޮހޯރު ބަނދަރަކީ މެލޭޝިއާގެ ރައިސް އެންޑް ކޮކޯއަށް އެންމެ ބޮޑު ޑިސްޗާޖިން ޕޮއިންޓެއްގެ އިތުރުން މެލޭޝިއާގައި ފާޓިލައިޒާ އާއި ސިމެންތި އަށް އެންމެ ބޮޑު އެއް ޓާމިނަލް ވެސް މެއެވެ.

