ކަހަފް ސޫރަތް ކިޔަވާލަމާ!
ހުކުރު ދުވަހު އިރުއޮއްސުމުގެ ކުރިން ކަހަފް ސޫރަތް ކިޔެވުމަކީ ސުންނަތުގެ ތެރެއިންވާކަމެކެވެ. އެމާތް ސޫރަތް ކިޔަވާ މީހާއެކު އަލިކަމެއް ވެއެވެ. އެއް ހުކުރުން އަނެއް ހުކުރަށް ފާފަތައް ފުހެވުމާއި އެކު ދައްޖާލުގެ ފިތުނަތަކުން ސަލާމަތް ވެއެވެ.
ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. “ކަހަފް ސޫރަތުގެ ފުރަތަމަ ދިހަ އާޔަތް ދަސްކޮށްފި މީހަކު ދައްޖާލުގެ ކިބައިން ރައްކާތެރިވެގެން ވެއެވެ.”
ދެހުކުރު ދޭތެރޭގައި ތިބާއާއި އެކު ނޫރެއް ވާން ނޭދޭނެ މީހަކު ނުހުންނާނެކަން ޔަޤީނެވެ. މިއަދު އިރުއޮއްސުމުގެ ކުރިން މި މާތް ސޫރަތް އަވަހަށް ކިޔާލާށެވެ.
ކީރިތި މާތް ރަސޫލާ (ޞ) އަށް ސަލަވާތް ކިޔަވާލަމާ!
ކީރިތި ރަސޫލާ އަށްޓަކައި ހެޔޮދުޢާ ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބް ކަމެކެވެ. އެކަލޭގެފާނަށް ކުރެވޭ ހެޔޮ ދުޢާއަށް ސަލަވާތޭ ކިޔައެވެ.
ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ. ” ކޮންމެ ހުކުރު ދުވަހަކު ތިމަންކަލޭގެ ފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުން ކިޔަވާ ޞަލަވާތްތައް ކޮންމެ ހުކުރު ދުވަހަކު ތިމަން ކަލޭގެ ފާނަށް ހުށަހެޅުއްވެއެވެ. ފަހެ ތިމަންކަލޭގެފާނާއި އެންމެ އަރިސްވެގެން ވާނީ އެންމެ ގިނައިން ތިމަންކަލޭގެފާނަށް ސަލަވާތްކީ މީހެކެވެ.”
ކީރިތި މާތް ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވުމަށް މާތްﷲ އަމުރުކުރައްވާފައިވެއެވެ. އެމާތް ނަބިއްޔާގެ އެންމެ އަރިހުގައި ވުމަށް ނޭދޭނެ އެކަކުވެސް އަހަރުމެންގެ ތެރެއިން ނުވާނެކަން ޔަޤީނެވެ. މިއަދު އިރުއޮއްސުމުގެ ކުރިން ވީހާވެސް ގިނައިން އެކަލޭފާނަށް ޞަލަވާތް ކިޔަމާ ހިނގާށެވެ.

