ދުނިޔޭގެ އެންމެ ބޮޑު ޖަންގަލީގެ ގޮތުގައި ފާހަގަކުރެވިފައިވާ އެމޭޒަން ޖަންގައްޔަށް 2050 ވަނަ އަހަރުގެ ކުރީކޮޅު ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ބްރެޒިލްގެ ފެޑެރަލް ޔުނިވާސިޓީ އޮފް ސެންޓާ ކެޓަރީނާގެ ސައިންސްވެރިން އިސްނަގައިގެން ނެޗާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ހާމަވެގެންދެއެވެ. އެގޮތުން ބުދަ ދުވަހު ޝާއިޢުކޮށްފައިވާ މި ދިރާސާއިން ދައްކާގޮތުގައި މި ސަރަޙައްދަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ކުރިމަތިވެގެންދާނެއެވެ.
އެމެޒަން އަކީ މޫސުމަށް އަންނަ ބަދަލުތަކާއެކުވެސް 65 މިލިއަން އަހަރު ވަންދެން އެއޮތްގޮތުގައި ދެމިއޮތް ތަނެކެވެ. ނަމަވެސް، ގަސްގަހާގެހި ކެނޑުމާއި އިންސާނުންގެ ސަބަބުން ދިމާވާ މޫސުމީ ކާރިސާތަކުގެ ސަބަބުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޖަންގަލީގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި އެމެޒޯންއަށް ލިބޭ ގެއްލުންތަކުގެ ސަބަބުން 10 އިންސައްތަ އާއި 47 އިންސައްތައާ ދެމެދުގެ އަދަދަކަށް ތިމާވެށީގެ ހާލަތު ވެއްޓިގެން ދާނެއެވެ. މި ދިރާސާގައި ދުނިޔެ ހޫނުވުމާއި، ހަނަފަސްވުމާއި ގަސްގަހާގެހި ކެނޑުމާއި، އަލިފާނުގެ ހާދިސާތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ބަލައި، އެމީހުންގެ ނިންމުންތައް ހޯދާފައިވެއެވެ.
"އަހަންނަށް ކުރިންވެސް މި ހުރިހާ ކަމެއް އެނގުނު، އެކަމަކު ހުރިހާ ކަމެއް ގުޅުވާލުމުން އެ ތަސްވީރު ފެނިގެން ދިޔައީ ބިރުވެރި ގޮތަކަށް"
ދިރާސާގެ ލީޑް ލިޔުންތެރިޔާ ބާނާޑޯ ފްލޯރެސް މައުލޫމާތު ދިނެވެ.
"އަޅުގަނޑުމެންގެ ހޯދުންތަކުން އެނގުނު ގޮތުގައި އެމެޒޯން ޖަންގަލީގެ ހާލަތު ކުރިން ހީކުރި ވަރަށް ވުރެ މާ ބޮޑަށް ގޯސް"
21 ވަނަ ގަރުނުގައި މި މިންގަނޑު ވެއްޓޭނެ ކަމަށް މީގެ ކުރިން ކުރި ދިރާސާތަކުން އަންދާޒާކޮށްފައެއް ނުވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ޓްރޮޕިކަލް ރެއިންފޮރެސްޓް ކަމަށްވާ އެމެޒޯންގެ ހާލަތު ދަށަށްދިޔުމުން ޖައްވުގައި ހުންނަ ދުނިޔެ ހޫނުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކާބަން އިން ތަޣައްޔަރުވާ މިންވަރު އިތުރުވެ ދުނިޔެ ހޫނުވުން އިތުރުވާގެންދާނެއެވެ. ޕްލެނެޓްގެ ފުއްޕާމޭގެ ނަމުން މަޝްހޫރުވެފައިވާ އެމެޒޯން އަކީ މިހާރުވެސް ކާބަން ބޭރުކުރާ މައި ވަސީލަތަށް ވެފައިވާ އިރު، އޭގެ މާނައަކީ މިހާރު ޖައްވަށް ބޭރުކުރާ ކާބަން އަށް ވުރެ ގިނައިން ޖައްވަށް ކާބަން ބޭރުވެގެން ދިޔުމެވެ. ޖަންގަލީގައި އަލިފާން ރޯވުމާއި ގަސްކެނޑުމަކީ އެ ބަދަލު ގެނައުމުގެ މައިގަނޑު ސަބަބުތަކެވެ. ނަމަވެސް މި ޖަންގައްޔަކީ އަދިވެސް ޖައްވުން ކާބަން ދަމައިގަންނަ މުހިންމު ވަސީލަތެކެވެ. އެއީ މުޅި ދުނިޔޭގެ ކާބަން ސްޓޯރތަކުން 15 އަހަރާއި 20 އަހަރާ ދެމެދު ރައްކާކުރާ މިންވަރާއި ގާތްކުރާ އަދަދެކެވެ.
އެމެޒޯންގެ ބައެއް ސަރަހައްދުތައް ކެތްނުކުރެވޭ ވަރަށް ހޫނުގަދަވުމުގެ ސަބަބުންނާއި އެތާގައި ދިރިއުޅޭ ގަބީލާ ތަކުގެ މީހުންނަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ކުރިޔަށް އޮތް ތާގައި އެމީހުންނަށް އެތާގައި ދިރިނޫޅެވޭނެ ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސާގައި ލަފާދީފައި ވަނީ ގަސް ކެނޑުން ހުއްޓާލުމަށާއި ޖަންގަލިތައް މަރާމާތު ކުރުމަށް ބާރުއެޅުމާއި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ފުޅާކުރުމަށެވެ. އަދި ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމަށް ދުނިޔޭގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރައްވައި، ޖަންގަލިތައް އަލުން އާރާސްތުކުރުމަށް އެމެޒޯނިއަން ޤައުމުތަކުން އެއްބާރުލުން ދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް މި ދިރާސާގައި ވަނީ އަލިއަޅުލާފައެވެ.

