މައިގްރެއިން އަކީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ތަހައްމަލް ކުރަމުން އަންނަ ކަމެކެވެ. ހަވީރު ފިންޏަށް ބުރެއް ޖަހާލަން ރެޑީވާން އުޅޭއިރަށް ނުވަތަ ފިލްމެއް ބަލާލަން ރައްޓެހިންނާ އެކު ދާން ތައްޔާރުވަނިކޮށް ކުއްލިއަކަށް ބޮލުގައި ރިއްސަން ފަށާފާނެ އެވެ. ހަށިގަނޑުގެ އެކި ތަންތަނުގައި ރިއްސާ ރިއްސުންތަކަށް ވުރެ ބޮލުގައި ރިހޭ ނަމަ ލިބޭ ތަކުލީފު ބޮޑެވެ.
ހަގީގަތުގައި މައިގްރޭން އަކީ ނިއުރޮލޮޖިކަލް ބައްޔެކެވެ. ނާރުތަކަށް ދިމާވާ މައްސަލައަކުން ދިމާވާ ކަމެކެވެ. މައިގްރޭން ހުންނަ މީހުންގެ ބޮލުގައި އާދަޔާ ޚިލާފަށް ރިއްސަ އެވެ. "މައިގްރެއިން އެޓޭކެއް" އައުމުން ތެދުވެ އުޅެން އުނދަގޫވެ މަސައްކަތް ވެސް ނުކުރެވޭ ހިސާބަށްދެ އެވެ. އެހެންވެ ދެ ލޯ މަރާލައިގެން އޮށޯވެ އޮންނަން ޖެހެ އެވެ. ހިސާބުތަކުން ދައްކާ ގޮތުގައި މުޅި ދުނިޔޭގައި މައިގްރެއިން އޭގެ ކޮންމެވެސް ސިފައެއްގައި ތަހައްމަލް ކުރަމުންދާ ބިލިއަނަކަށްވުރެ ގިނަ މީހުން އެބަތިއްބެވެ.

މައިގްރެއިން އެއްކޮށް ރަނގަޅުވާ ކަހަލަ ފަރުވާއެއް އަދި ހޯދިފައި ނުވާއިރު ގިނަ މީހުން ކުރާ ކަމަކީ ބޮލުގައި ރިއްސަން ފަށާއިރަށް ޕެނަޑޯލް ގުޅައެއް ކެއުމެވެ. މިއީ ހަގީގަތުގައި އަހަރެމެންގެ ތެރޭގައި ހަރުލާފަ އޮތް ނިކަން ނުބައި އާދަ އެކެވެ. ޕެނަޑޯލް ފިޔަވައި އާއްމުކޮށް ބޭނުންކުރާ ތަދުކަނޑުވާ ބޭސްތަކުގެ ތެރޭގައި ހިމެނޭ އައިބިއުޕްރޮފެން ކަހަލަ ބޭސްތަކުން "ހާޓް ފެއިލް" ވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ބޭސް ގުޅައަކާއި ހަމައަށް ދިއުމުގެ ކުރިން ބޮލުގައި ރިހޭ ރިހުން ލުއި ކުރުމަށްޓަކައި ކުރެވިދާނެ ބައިވަރު ކަންތައްތައް ހުރެ އެވެ. ކޮންމެ ފަހަރަކު ބޭސް ކެއުމުގެ ބަދަލުގައި ގުދުރަތީ ގޮތެއް ގޮތެއް ހޯދުން މާ ރަނގަޅުވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާނެ އެވެ. އެގޮތުން ތިރީގައި މިވަނީ މި ބައްޔަށް ބޭނުން ކުރެވިދާނެ ރިމެޑީޒް ތަކެކެވެ.
އިނގުރު ބޭނުންކުރުން
އިނގުރު ބޭނުންކުރުމުން ޕްރޮސްޓަގްލެންޑިންސް ބްލޮކްކޮށްލަ އެވެ. އެހެންވުމުގެ ސަބަބުން ބޮލުގެ ރިހުމަށް މިކަމުން ލުއި ލިބެ އެވެ. ޕްރޮސްޓަގްލެންޑިންސް އަކީ މަސްލް ކޮންޓްރެކްޝަން، ހޯމޯންގެ އަސަރުތައް އަދި ސިކުނޑީގެ ލޭ ހޮޅިތައް ދުޅަވުން ފަދަ ކަންތައްތައް ޕްރޮމޯޓްކުރާ ކެމިކަލްސް އެކެވެ. މައިގްރޭންގެ ސަބަބުން ބޮލުގައި ރިއްސަން ފަށައިފި ނަމަ ކުޑަކުޑަ އިނގުރުކޮޅެއް ހަފާލާއިގެން ކާލިޔަސް ރަނގަޅުވާނެ އެވެ. ނޫންނަމަ ސައިތައްޓަކަށް އަޅައިގެން ވެސް ބޭނުން ކުރެވިދާނެ އެވެ.

އެޕަލް ސައިޑް ވިނީގާ
މިއީ ހަމައެކަނި ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ލިއްބައިދޭ އެއްޗެއް ނޫނެވެ. އެޕަލް ސިޑާ ވިނެގާ އަކީ ހަށިގަނޑުގައިވާ އެސިޑް-އަލްކަލައިން ބެލެންސް ހިފަހައްޓައިދިނުމުގައި އެހީތެރިވެދޭ ވެސް އެއްޗެކެވެ
މޭޒުމަތީ ސަމުސަލެއްގެ އޯގަނިކް އެޕަލް ސިޑާ ވިނެގާ އާއި އެއް ތަށީ ފެން އަދި މޭޒުމަތީ ސަމުސަލެއްގެ މާމުއި ރަނގަޅަށް އެއްކޮށްލާށެވެ. އަދި ދުވާލަކު ދެ ފަހަރު މީގެ ތައްޓެއް ބޯށެވެ. ބޯން ބޭނުން ނޫން ނަމަ ސްޓީމްގެ ގޮތުގައި ބޭނުންކޮށްގެން ވެސް ބޮލުގެ ރިހުން ކަނޑުވާލެވިދާނެ އެވެ. ސްޓީމްކުރާ ނަމަ އެޕަލް ސިޑާ ވިނެގާ އާއި ފެން އެއްވަރަކަށް ދެބައި ތެއްޔަކަށް އަޅައިގެން ކައްކާލާށެވެ. އަދި މި އާވި އަރުވާށެވެ. ބޮލުގައި ރިހުން މުޅިން ފިލަންދެނެވެ.
ސްޓްރެސް ކުޑަ ކުރުން
މައިގްރެއިން ހުންނަ މީހުންނަށް ލުއިކަން ހޯދަން އެންމެ ޔަގީންކަން ބޮޑު އެއް ކަމަކީ އެއޮރޮބިކް ކަސްރަތުކުރުން އާންމު ކަމަކަށް ހެދުމެވެ. މިފަދަ ކަސްރަތު ހަފުތާ އަކު މަދުވެގެން ތިން ފަހަރު، ކޮންމެ ފަހަރަކު 30-40 މިނެޓަށް ކުރާށެވެ. ގިނައިން ކަސްރަތު ކުރި ވަރަކަށް ބޮލުގައި ރިހުން ކުޑަވާކަން އެއީ ދިރާސާތަކުން ހާމަވެފައިވާ ކަމެކެވެ. ހަމައެޔާއެކު ބޯ މޮޑެ، މަސާޖު ކުރުމަކީވެސް ތަދު ލުއިކުރުމަށް ބޭސް ބޭނުންކުރުމުގެ ކުރިން ކުރެވިދާނެ ކަމެކެވެ.

ކެފެއިން ހުންނަ ބާވަތްތައް އެހާ ގިނައިން ބޭނުން ނުކުރުން
ކަސްރަތު ކުރުމުގެ އިތުރުން މައިގްރެއިން ހުންނަ މީހުން ކެފެއިންއާ ދުރުވާން ޖެހެ އެވެ. ބޮލުގައި ރިއްސަން ފަށައިފިނަމަ ކުޑަ ކެފެއިން ކޮޅެއް ހަށިގަނޑަށް ފޯރުކޮށްދިނުމަކީ ބައެއް މީހުންނަށް ކޮންމެވެސް ވަރެއްގެ ލުއެއް ލިއްބައިދޭނެ ކަމެކެވެ. އެހެން ނަމަވެސް މައިގްރެއިން ހުންނަ މީހުން އެހާ ގިނައިން ކެފެއިން އެކުލެވޭ މާއްދާއެއް ބޭނުންކޮށްފިނަމަ ކެފެއިން ވިތުޑްރޯވަލްގެ ސަބަބުން މައިގްރެއިންގެ ތަދު ބޮޑުވެ އަދި އެހެން ބާވަތެއްގެ ބޮލުގެ ރިހުމެއް ދިމާވުމުގެ ފުރުސަތު ބޮޑެވެ.

އެމެރިކަން ޖާނަލް އޮފް މެޑިސިންގައި ޝާއިއުކޮށްފައިވާ އާ ދިރާސާއެއްގައި ބުނާ ގޮތުން ދުވާލަކު ތިން ތަށި ކޮފީ ބޮވޭ ނަމަ އެއީ ސީރިއަސްކޮށް ވިސްނައިލަން ޖެހޭ ކަމެކެވެ. ހާއްސަކޮށް މައިގްރޭން ހުންނަ މީހުންނެވެ. އެފަދަ މީހުން ދުވާލަކު ތިން ކޮށީ ބޯ ނަމަ އެއީ މައިގްރޭނުގެ ވޭން އިތުރަށް ގަދަވުމުގެ ސަބަބަކަށްވާ ކަމަށް އޭގައި ބުނެފައިވެ އެވެ.

