ފައިގެ ނިޔަފަތި ތަކުގައި ޖަރާސީމް ހެދި ނިޔަފަތިތައް ހަލާކުވުމަކީ ހުރިހާ އުމުރެއްގެ މިހުންނަށް ވެސް އާއްމު ކަމެކެވެ.
ނިޔަފަތީގެ ޖަރާސީމް އުފެދެނީ ފައިގެ ނިޔަފަތީގެ ވަށައިގެންވާ ހަންގަނޑުގައި ހެދިފައި ހުންނަ ރެދުތަކަށް ކުދި ކުދި ފަންގަސްތައް ވަދެގެން ދިޔުމުންނެވެ. ގޭތެރޭގައި ހުސްފަޔާ ހިނގުމަކީ މިކަމަށް މަގުފަހިވާކަމެއް ކަމަށްވެއެވެ.
މިކަމަށް ހައްލެއް ހޯދުމަށް ކަރަންފުލާއި، އޮލިވްއޮއިލް ބޭނުންކޮށްގެން ގޭގައި ކުރެވިދާނެ ފަރުވާއެއް ބުނެދެން ހެއްޔެވެ ؟ ކަރަންފުލުގައި ހިމެނޭ އެންޓިސެޕްޓިކް އަކީ ބެކްޓީރިއާއި ފަންގަސް ނައްތާލުމަށް އެހީވެދޭ އެއްޗެކެވެ. ހަމަ އެހެންމެ އެކްސްޓަރާ ވާޖިން އޮލިވް އޮއިލް އަކީވެސް އެފަދަ އެއްޗެކެވެ.

2 ސަމްސާ ކަރަންފޫ ( މުގުރާފައި )
6 ސަމްސާ އޮލިވްއޮއިލް
މުގުރާފައި ހުރި ކަރަންފުލާއި އޮލިވް އޮއިލް ތަވާއަކަށް އަޅާފައި މަޑުގިނީގައި 5 ވަރަކަށް މިނިޓަށް ކައްކާލުމަށް ފަހު ކުޑަފުޅިއަކަށް އަޅާލާށެވެ. އެއަށްފަހު ކަފަބުރަކުން ފައިގެ ނިޔަފަތިތަކުގައި އުގުޅާލާށެވެ. 30 މިނިޓް ފަހުން ހޫނުފެނުން ދޮވެލުމަށް ފަހު ތުވާއްޔަކުން ރަގަނޅަށް ފެން ހިއްކާލާށެވެ. ދުވާލަކު ދެ ފަހަރު ބޭނުންކޮށްލާށެވެ ތަފާތު ފެންނާނެއެވެ.

