ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނީ ލ ފޮނަދޫ ދާއިރާއިން ކަމުގައި، މިހާރުވެސް އެ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.
މޫސާ ސިރާޖް މިހެން ވިދާޅުވެފައި ވަނީ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައެވެ. އިތުރަށް މޫސާ ސިރާޖު ވިދާޅުވީ ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާނީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސުލް ޖުމްހުރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއް ރަހީމް އަބްދުﷲ ކަމަށެވެ.
އަދި ދެން އަންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާނީ އެދާއިރާގެ މެމްބަރު ކަމަށާއި، ލ އަތޮޅަށް ފުރަތަމަ ފަހަރަށް އެޝަރަފް ލިބިގެން ދާނެކަމަށެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ ތަމްސީލު ކުރާނީ ޢަބްދުއްރަޙީމް ޢަބްދުﷲ އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ފޮނަދޫ ދާއިރާއިން. މި ޝަރަފު ލާމު އަތޮޅަށް ފުރަތަމަ ފަހަރަށް ލިބޭނެ- މޫސާ ސިރާޖް
ފޮނަދޫ ދާއިރާގެ ގޮނޑި އަދުރޭ އަށް ކާމިޔާބު ކުރެވިއްޖެ ނަމަ، މަޖިލީހުގެ ރައީސްކަމަށް ސަރުކާރުގެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އަބްދުއް ރަހީމެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް މިއަދު ތަރުތީބު ކުރައްވާފައިވާއިރު، މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އިންތިހާބު ފަސްކުރަން ފާސްކޮށްފައެވެ.
ރައްޔިތުންގެ މަޖީލީހުން އެހެންފާސްކުރި ކަމުގައި ވީނަމަވެސް އެގާނޫނަށް އަމަލު ކުރަން ފަށާނީ ރައީސުލް ޖުމްހުރިއްޔާ ތަސްދީގު ކުރެއްވުމަށްފަހުގައެވެ.

