ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އިފްތިތާހް ކުރި ލޯނު ރަހުނު ނުބަހައްޓާ 7 ލައްކަ ރުފިޔާއާ ހަމައަށް ލިބޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ދޫކުރާ ލުއި ލޯން ޕްރޮގްރާމާއި މަސްވެރިންގެ ދަފްތަރު އިފްތިތާހް ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މީގެ ކުރިން މިލޯން ދޫކުރީ ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށެވެ.
ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން އިފްތިތާހްކުރެއްވި މިލޯނަކީ އެސްޑީއެފްސީ އާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ތަޢާރަފުކުރި ލޯނެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ފަރުމަސްވެރިކަމަކީ ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރާ މަސްވެރިކަމެއް ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާޢަތެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖޭގައި ފަރުމަހުގެ މަސްވެރިކަން ރަނގަޅު ނުވަތަ އެކަމަށް ޚާއްސަ ސަރަހައްދުތަކެއް އެބަހުރި ކަމަށާއި އެ ސަރައްދުތަކަށްވެސް ކުދި އައިސް ޕްލާންޓްތައް ބޭނުންވާ ކަމަށެވެ.
“މި ހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސް ޕްލާންޓްތަކަށްވެސް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކަށް މިލޯނުގެ އެހީތެރިކަން ލިބިގެންދާނެ. މީ ވަރަށް ލުއިކޮށް ދޫކުރެވޭ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯންގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށް އޮތީ. ނަމަވެސް މިފަހަރު ފަރުމަސްވެރިކަމަށް މި ހުޅުވާލެވޭ ލޯނުގަ 7 ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު އޮންނާނެ” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ފަރުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއީ ޑިންގީއެއް ބަންނަން، ލޯންޗެއް ބަންނަން ނުވަތަ މަސްވެރިކަމުގައި ބޭނުންވާ އެހެން ވަސީލަތެއް ހޯދަން ނޫނީ ބާނައިގެން ގެންނަ މަސް ގަންނަ އަދި އެމަސް ޕެކް ކުރާ ފަރާތެއްކަމުގައިވިޔަސް ޕެކް ކުރުމުގެ މަސައްކަތަށްވެސް މިލޯނުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

