އިޓަލީގެ ޗެމްޕިއަން އިންޓަ މިލާނަށް ކުޅެމުން އަންނަ މިޑްފީލްޑަރު ނިކޯލޯ ބަރޭލާ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ނިންމައިފިއެވެ.
އުމުރުން 27 އަހަރުގެ ބަރޭލާ، އިންޓައާއެކު އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން 2026 ގައި ހަމަވާނެ އެވެ. އިންޓަ އިން މިފަހަރު ބަރޭލާ އަށް ހުށަހަޅާފައިވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެކެވެ. 2029ގެ ނިޔަލަށް އިންޓަ މިލާނުގައި މަޑުކުރަން ބަރޭލާ އެއްބަސްވެފައިވާއިރު އާ އެއްބަސްވުމުގެ ދަށުން އިންޓަ އިން އޭނާ އަށް 6 މިލިއަން ޕައުންޑުގެ މުސާރައެއް ދޭނެ އެވެ. ކުރީގެ ކޮންޓްރެކްޓުން ބަރޭލާ އަށް ލިބެމުން އައީ އަހަރަކަށް 5 މިލިއަން ޕައުންޑުގެ މުސާރަ އެކެވެ.
އިންޓަ މިލާނަށް މުޅިއެކު 200 އަށްވުރެ ގިނަ މެޗު ކުޅެދީފައިވާ ބަރޭލާ ކޮންޓްރެކްޓު އާ ކުރަން ނިންމާފައިވާއިރު ޔޫރަޕުގެ މަޝްހޫރު ކްލަބުތަކަކުން އައީ އޭނާ އަށް ފާރަލަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އަދި ނިއުކާސަލް ޔުނައިޓެޑުން ވެސް ބަރޭލާގެ ސޮއި ހޯދުމަށް މަސަތްކަތް ކުރި އެވެ.
ބަރޭލާ މިލާނުގައި މަޑުކުރުމަކީ އެ ޓީމަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމެކެވެ. ދެ ފައިން ވެސް އެއްވަރަކަށް ކުޅޭ ބަރޭލާ ވަނީ މިސީޒަނުގައި އިންޓަގެ ޖާޒީގައި މުޅިއެކު 31 މެޗު ކުޅެފައެވެ. ސީޒަނުގެ ފަހުކޮޅާ ހަމައަށް އައިރު އިންޓަ އިން އަންނަނީ އިޓާލިއަން ލީގުގެ އެއްވަނައިގައި ހިފަހައްޓަމުނެވެ.

