މާބަނޑު އަންހެނުން އަދި ކުޑަ ދަރިފުޅަށް ގާތުން ކިރުދޭ މައިން އެންޓި ޑިޕްރެޝަން ބޭސް ބޭނުން ކުރުމުން ދަރިފުޅުގެ ސިކުނޑިއަށް ގެއްލުންވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެމެރިކާގެ ޔުނިވާސިޓީ އޮފް ކޮލޮރާޑޯގެ ޕްރޮފެސަރުންތަކެއް ހެދި މި ދިރާސާއިން ދައްކާ ގޮތުން އެންމެ އާންމު އެންޓި ޑިޕްރެޝަން ޕިލް ކަމުގައިވާ ޕްރޯޒެކް ނުވަތަ ފްލުއޮކްސެޓިން ބޭސް ބޭނުންކުރާ މައިން ގާތުން ކިރުދޭއިރު އެ ޑްރަގް ކުޑަ ދަރިފުޅުގެ ހަށިގަނޑަށް ފޯރައެވެ. މީގެ ސަބަބުން ކުއްޖާގެ ސިކުނޑީގެ ޕްރެފްރޮންޓަލް ކޯޓެކްސް އަށް ގެއްލުންވެ ނޯމަލް ކުއްޖެއްގެ ގޮތުގައި ހެދިބޮޑުވުމުގެ ފުރުސަތު ކުޑަވެގެންދެ އެވެ.
ޕްރެފްރޮންޓަލް ކޯޓެކްސް އަކީ ސިކުނޑީގެ އެންމެ މުހިއްމު ބައެވެ. އިންސާނާގެ ސިކުނޑިން ކުރާ އެންމެ މުހިއްމު މަސަތްކަތްތަކުގެ ތެރެއިން ކަންކަމުގެ ހައްލު ހޯދުމާއި، ޕްލޭން ކުރުމާއި، ޑިސިޝަން މޭކް ކުރުމާއި އެމީހެއްގެ ވިސްނުމުގެ ވައްޓަފާޅި ބިނާކުރުމުގެ ހުރިހާ ކަމެއް ކުރަނީ ސިކުނޑީގެ މި ބައިންނެވެ. ސިކުނޑީގެ ބައިތަކުގެ ތެރެއިން އެންމެ ލަހުން ހެދި ބޮޑުވަނީވެސް މި ބައެވެ.
މި ދިރާސާކުރި ފަރާތްތަކުން ވަނީ ޑިޕްރެޝަން ތަހައްމަލް ކުރަމުންދާ މާބަނޑު އަންހެނުންނަށް ބޭހުގެ ބަދަލުގައި އެހެން ފަރުވާއެއް ދިނުމަށް ސިއްހީ ހިދުމަތްތެރިންނަށް ނަސޭހަތްދީފައެވެ. އަދި މީގެ އިތުރުން އެންޓި ޑިޕްރެޝަން ޕިލްސް ފަދަ ބޭސްތަކުން މާބަނޑު އަންހެން މީހާ އަށް ވަގުތީ ހައްލެއް ލިބިގެންދިޔަސް ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރާތީ މީގެ ބޭސްތަކުން ދުރުހެލިވެ ވީހާވެސް ގުދުރަތީ ގޮތުން ސްޓްރެސް ފިލައި ޑިޕްރެޝަނަށް ހައްލު ލިބޭނެފަދަ ކަންކަން ކުރުމަށް މި ދިރާސާ ކުރި ފަރާތްތަކުން ވަނީ ނަސޭހަތްދީފައެވެ.

