މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުން ކުޑަވާ ގޮތަށް، ރާއްޖޭގައި މަޝްރޫއުތަކެއް ހިންގަން މަސައްކަތްކުރަމުން އަންނަ ކަމަށާއި ކުދި ގައުމުތަކުގެ އެފަދަ މަޝްރޫއުތަކަށް ފައިސާ ލިބޭނެ ފަސޭހަ އިންތިޒާމެއް ބައިނަލްއަގުވާމީ މުޖުތަމައުން ހަމަޖައްސައިދޭން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޖަރުމަނުގެ މިއުނިކް ގައި އިއްޔެ ފެށި މިއުނިކް ސެކިއުރިޓީ ކޮންފަރެންސް ގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒަމީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާ ހެދި ދިވެހިން ރާއްޖެ ދޫކޮށްފައި ނުދާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖެއިން އެކަމުގައި ކުރަން ޖެހޭ މަސައްކަތްތަައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޒީރު ވިދާޅުވީ ރާއްޖެއަކީ ޖައްވަށް ވިހަ ގޭސް އެންމެ މަދުން ދޫކުރާ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށެވެ. ރާއްޖެއިން ދުނިޔޭގެ ޖައްވަށް ދޫކުރަނީ 0.003 އިންސައްތައިގެ ކާބަން ގޭސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް، ގިނަ ފަހަރު މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ޖައްވަށް ވިހަ ގޭސް އެންމެ މަދުން ދޫކުރާ ގައުމުތަކަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ އަސަރު ބޮޑުވުމުން، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން، އެކަމަށް އެކަށޭނެ ފަންޑު ހޯދުމަކީ ކުރަން ޖެހިފައިވާ ކަމެއްކަން އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓުތަކުގައި ފާހަގަކުރައްވާފައިވެއެވެ.
އެގޮތުން، އިއާދަކުރަނިވި ހަކަތައިގެ ޒަރިއްޔާއިން ރާއްޖޭގެ ކަރަންޓުގެ ޑިމާންޑުގެ ޖުމްލަ 33 އިންސައްތަ ފުއްދައިދިނުމަކީ ރާއްޖޭގެ އަމާޒުކަމަށާއި އަދި، މިހާރުވެސް ގައުމުގެ ކަރަންޓުގެ ޑިމާންޑުގެ 4 އިންސައްތަ ފުއްދަމުން އަންނަނީ އިއާދަކުރަނިވި ހަކަތައިން ކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ.
އަދި ހަމައެފަދައިން، މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުތަކުން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ކާބަން ޒީރޯ، އަދި ކަނޑުގެ ލޮނުގަނޑުން 2-3 މީޓަރު މަތީގައި ހުންނަ ޖަޒީރާއެއްގެ ގޮތުގައި "ސޭފް އައިލެންޑް"ގެ ނަމުގައި މުޅިން އައު ޖަޒީރާއެއް ބިނާކުރާނެ ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.
އަދި މީގެ އިތުރުން ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި ހިންގާ ޕްރޮޖެކްޓުތަކަކީ ފައިދާ ކުރަނިވި ޕްރޮޖެކްޓުތަކަކަށް ވާނެކަން ބޭންކުތަކަށާއި އަމިއްލަ ދާއިރާގެ ފައިނޭންސަރުންނަށް ގަބޫލުކޮށްދިނުމަކީ ގޮންޖެހުމަކަށް ވެފައިވާކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ހޯދާނަމަ ގިނަ ފަހަރު ބޭންކެބިލިޓީ ސާބިތު ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް، ރާއްޖެ ފަދަ އާބާދީ މަދު ގައުމަކަށް އެއީ ކުރަން އުނދަގޫ ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

