މާލޭގެ މަގުތަކުގައި ޕާކު ކޮށްފައި ހުރި ގިނަ ދުވަސްވީ އެއްގަމު އުޅަނދުތައް ޓޯކޮށް ނައްތާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފުލުހުންނާއި އެމްޓީސީސީ އާއި އެޗްޑީސީ އަދި ވެމްކޯ ގުޅިގެންނެވެ.
މި ޕްރޮގްރާމް ފެށުމަށްޓަކައި މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން އެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ބައެއްގެގޮތުގައި މާލޭގެ އެކި ހިސާބުތަކުގައި ޕާކްކޮށްފައި ހުރި ގިނަ ދުވަސްވެފައިވާ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އަމިއްލައަށް އެދިގެން، އުޅަނދުތައް ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ.
މި ރަސްމިއްޔާތުގައި ވަނީ ގިނަ ދުވަސްވެފައިވާ ބައެއް ވެހިކަލްތައް ނައްތާލުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ. ދަތުރު ފަތުރާބެހޭ ވުޒާރާއިން ވިދާޅުވީ މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މާރޗް 3 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. އަދި އެ މުއްދަތުގައި ލިބޭ އެޕްލިކޭޝަންތަކާއި ގުޅިގެން ވެރިފަރާތްތަކާއި ގުޅައި އެ ފަރާތުން ފޯރުކޮށްދޭ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާނެ ކަމަށާއި އަދި މައުލޫމާތު ސާފުކުރުމަށްފަހު ވެހިކަލް ނައްތާލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު އެ ވުޒާރާގެ ނަންބަރ 1511 އަށް ގުޅައިގެން ލިބޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

