ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުން ވެސް އަހަރުތަކެއް ވަންދެން ދިފާއީ ނިޒާމަށް ލިބޭ ގެއްލުންތައް ދެމި ހުންނަ ކަމަށް ދިރާސާ އަކުން ދައްކައިފިއެވެ. މި ދިރާސާއިން ދައްކާ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަށިގަނޑަށް ވަރަށް ގެއްލުންހުރި ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދިފާއީ ނިޒާމަށް ބަދަލު ތަކެއް އައިސް، ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމުގެ އެތައް އަހަރެއް ފަހުން ވެސް އިތުރު ބަލިތަކާއި އިންފެކްޝަންގެ ނުރައްކާ ކުރިމަތިވާ ކަމަށެވެ. 1960 ގެ އަހަރުތަކުން ފެށިގެން ދުންފަތުގެ އިސްތިއުމާލު ކުރާ ނިސްބަތް ދަށަށް ދިޔަ ނަމަވެސް، އެމެރިކާގައި އަދިވެސް ގިނަ މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. އެގޮތުން އަހަރަކު 480،000 އަށް ވުރެ ގިނަ މީހުން މީގެ ސަބަބުން މަރުވެއެވެ.
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ސިއްހީ މާހިރުން އެތައް ޒަމާނެއް ވަންދެން އިންޒާރު ދެމުން އައީ މި އާދައިގެ ސަބަބުން ފުއްޕާމޭގެ ކެންސަރު، ހާޓް އެޓޭކް ނުވަތަ ސްޓްރޯކް ފަދަ ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ. ނަމަވެސް ނޭޗާ ޖާނަލްގައި ބުދަ ދުވަހު ޝާއިއުކުރި ދިރާސާއަކުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ޖެހޭ އެހެން ސަބަބެއް ހުށަހަޅާފައިވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަށިގަނޑުން އިންފެކްޝަނާ ދެކޮޅަށް ދިފާއުވުމުގެ ގާބިލުކަން ދަށްވެ، ރިއުމެޓޮއިޑް އާތުރައިޓިސް އަދި ލޫޕަސް ފަދަ ހަށިގަނޑުގެ ގުނަވަންތައް ދުޅަވާ ޒާތުގެ ދާއިމީ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއިން ދައްކަ އެވެ.
"ވީހާވެސް އަވަހަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ" ޕެރިހުގެ އިންސްޓިޓިއުޓް ޕާސްޗަރުގެ ކޮމްޕިއުޓޭޝަނަލް ބަޔޮލޮޖީގެ ސްޕެޝަލިސްޓް ޑރ.ވިއޮލެއިން ސެއިންޓް އަންދްރޭ ބުނެފައިވެއެވެ
"އަޅުގަނޑުމެންގެ ދިރާސާގެ މައިގަނޑު މެސެޖަކީ، ހާއްސަކޮށް ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރުމުގެ ސަބަބުން ދިގު މުއްދަތަކަށް ދިފާއީ ނިޒާމު ރައްކާތެރި ކަންމަތީ ދެމެހެއްޓޭނެ ކަން"
ސައިންސްވެރިން ވަނީ އުމުރުން 20 އަހަރާއި 69 އަހަރާ ދެމެދުގެ ދުޅަހެޔޮ ސިއްހަތެއްގައި ތިބި 1،000 މީހުން އެކުލެވޭ ގްރޫޕެއްގެ ލޭގެ ސާމްޕަލްތައް ދިރާސާ ކޮށްފައެވެ.
ސައިންސްވެރިން ބޭނުންވީ ދިރިއުޅުމުގެ ވައްޓަފާޅި އާއި އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތަކާއި ކެއުމުގެ އާދަތައް ހިމެނޭ ގޮތަށް 136 ބަދަލެއް ހިމަނައިގެން ، އުމުރާއި ޖިންސުގެ އިތުރުން ޖެނެޓިކްސްގެ ދިފާއީ ނިޒާމަށް އަސަރުކުރާ ގޮތް ބެލުމަށެވެ. އެގޮތުން ލޭގެ ސާމްޕަލްތައް އީ ކޯލައި ބެކްޓީރިއާ އާއި ފްލޫ ވައިރަސް ފަދަ އާންމު ޖަރާސީމްތަކަށް ހުށަހެޅުމަށް ފަހު އެ ސާމްޕަލްތަށް މި ޖަރާސީމްތަކާއި ދެކޮޅަށް ދިފާއުވުމަށް މަސައްކަތްކުރާ މިންވަރު ދެނެގަތުމަށެވެ.
މި ދިރާސާގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ބޮޑީ މާސް އިންޑެކްސް އަދި ހާޕީސް ވައިރަހުގެ ސަބަބުން ފެތުރޭ ލެޓެންޓް އިންފެކްޝަންގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރި އިރު ދިފާއީ ނިޒާމު އެންމެ ދަށަށް ދިޔައީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުންނެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރާ ވަރަކަށް އެމީހެއްގެ ދިފާއީ ނިޒާމަށް ބަދަލު ތަކެއް އަންނަ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އިތުންވެސް ގިނަ ކަންތައްތަކަކުން ދިފާއީ ނިޒާމަށް އަސަރުކުރެއެވެ. އެގޮތުން އެމީހެއްގެ ޖެނެޓިކް ބެކްގްރައުންޑްގެ އިތުރިން ހަށިގަނޑުގެ ބަރުދަން ބަރުވުމުގެ ސަބަބުންވެސް ދިފާއީ ނިޒާމަށް އަސަރުކުރާކަން މި ދިރާސާއިން ހާމަވެގެންދިޔައެވެ
ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމޭ ދުޅަވާކަން ޑޮކްޓަރުންނަށް ޒަމާނުއްސުރެ އެނގުނު ނަމަވެސް އޭގެ ސަބަބުން ދިފާއީ ނިޒާމަށް ކުރާ އަސަރު އަންދާޒާ ކުރެވިފައި ނުވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަށްފަހު ހުއްޓާލާ މީހުން ވެސް ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމޮނަރީ ޑިޒީޒް ނުވަތަ ސީއޯޕީޑީ ފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އޮވެއެވެ.

