އެމެރިކާގެ ސުޕަ ބޯލްގެ ޗެމްޕިއަންކަން ހޯދި ކެންސަސް ސިޓީ ޗީފްސްގެ ކާމިޔާބީ ފާހަގަ ކުރަން، ބޭއްވި ޕެރޭޑުގެ ތެރޭގައި ބަޑި ޖަހައި ހިންގި ހަމަނުޖެހުންތަކުގައި މަރުވި އަންހެނެއްގެ އާއިލާ އަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓް 100،000 ޑޮލަރުގެ އެހީއެއް ދީފި އެވެ.
މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާގައި މަރުވި ދެ ކުދިންގެ މަންމަ، ލީޒާ ލޮޕޭޒް-ގަލްވަންގެ އާއިލާ އަށް އެހީވުމުގެ ގޮތުން ބުރާސްފަތި ދުވަހު ގޯފަންޑްމީގައި ހުޅުވި ޑޮނޭޝަން ފަންޑަށް ޓެއިލާ ފުރަތަމަ ހަދިޔާކުރީ 50،000 ޑޮލަރެވެ. އޭގެ ގަޑިއިރުތަކެއް ފަހުން އަނެއްކާ ވެސް އޭނަ 50،000 ޑޮލަރު އެ އެކައުންޓަށް ޖަމާކުރިއެވެ. ޑޮނޭޝަނާއެކީ އެ އާއިލާ އަށް ޓެއިލާ ވަނީ ހަމްދަރުދީގެ މެސެޖެއްވެސް ފޮނުވައިފައެވެ.
މިލްކިއްޔާތުގައި ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ހުރި ޓެއިލާ އަކީ މީގެ ކުރިން ވެސް އެކިއެކި ކަންކަމުގައި މީހުންނަށް މާލީ ގޮތުން އެހީތެރިކަން ދީފައިވާ ފަންނާނެކެވެ.
މަރުވި ލީޒާގެ އާއިލާ އަށް އެހީވުމުގެ ގޮތުން ޑޮނޭޝަން ފަންޑު ހުޅުވީ 75،000 ޑޮލަރަށް އަމާޒު ކޮށްގެންނެވެ. މިހާތަނަށް 4،300 އަށް ވުރެ ގިނަ މީހުން މި ފަންޑަށް ފައިސާ ހަދިޔާކޮށްފައިވާއިރު ފަންޑަށް މިހާތަނަށް 320،000 އަށްވުރެ ގިނަ ޑޮލަރު ވަނީ ލިބިފައެވެ.

