ދިވެހިރާއްޖެއިން ޕެރައިންފްލުއެންޒާ ޖެހިގެން އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.
މީގެ ހަ ދުވަސް ކުރިން އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށި އއ. ބޮޑުފުޅަދޫއަށް ނިސްބަތްވާ އަންހެން ކުއްޖާ ޕެރައިންފްލުއެންޒާގައި ނިޔާވިއިރު، މިބައްޔަށް ވެކްސިނެއް އަދި ބޭހެއް ވެސް ނުހުރެއެވެ.
ޕެރައިންފްލުއެންޒާ ޖެހިގެން ކުއްޖަކު ނިޔާވި އިރު، އިންފްލުއެންޒާ ޖެހިގެން މިދިޔަ މަހު ޒުވާން ފިރިހެނަކާއި އަންހެނަކު ނިޔާވެފައިވެއެވެ. މި ބަލީގެ ވައިރަހުގެ އަސަރުކޮށްފައިވާ މީހުން ރާއްޖެއިން ފެންނަނީ ވަރަށް މަދުންނެވެ.
އިންފްލުއެންޒާއާއި ޕެރައިންފްލުއެންޒާ އަކީ އެއްގޮތް ކަންތައްތައް ހުރިނަމަވެސް ތަފާތު ދެ ބައްޔެކެވެ. އިންފްލުއެންޒާ އާއި ޕެރައިންފްލުއެންޒާ ފެތުރޭ ގޮތާއި ބަލީގެ އަސަރުކުރާ ތަންތަނާއި އަދި ނުރައްކާ އޮންނަ އުމުރު ދާދި އެއްގޮތެވެ. ނަމަވެސް އިންފްލުއެންޒާ އާއި ޚިލާފަށް ޕެރައިންފްލުއެންޒާ އަށް ބޭހެއް ނުވަތަ ވެކްސިނެއް އަދި ޚާއްސަކޮށް އުފައްދާފައެއް ނުވެއެވެ.
އިންފްލުއެންޒާއެކޭ އެއްގޮތަށް ޕެރައިންފްލުއެންޒާވެސް ފެތުރެނީ ބަލިޖެހިފައިވާ މީހެއް ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވާ ކުޅުތިކީގެ ޒަރިއްޔާއިންނެވެ. އަދި ބަލީގެ ޖަރާސީމުގެ އަސަރު، ޖަރާސީމު ހަރުލާ ތަނެއްގެ ގޮތުން ގަޑިއިރުތަކަކަށް ހުންނާނެ ކަމަށްވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ކަންކަމުގެ ތެރޭގައި އަތް ދޮވުމާއި މާސްކް އެޅުމާއި ބަލިވެއްޖެ ނަމަ، ކުދިން ސްކޫލަށް ނުދިއުން ހިމެނެއެވެ.

