ދިވެހިރާއްޖެއިން ޕެރައިންފްލުއެންޒާ ޖެހިގެން އުމުރުން 6 އަހަރުގެ އަންހެން ކުއްޖަކު ރޭ ނިޔާވެއްޖެއެވެ.
އެކްސްގައި ފައިސަލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއިން ޕެރައިންފްލުއެންޒާ ވައިރަސް ޖެހިގެން އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޭ ވަނީ މަރުވެފައެވެ.
އެ ވައިރަސް ޖެހިގެން މަރުވީ އއ. ބޮޑުފުޅަދޫގެ އަންހެން ކުއްޖެކެެވެ. އެ ވައިރަސް ޖެހިގެން އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށީ މީގެ ހަ ދުވަސް ކުރިންނެވެ.
"ޕެރައިންފްލުއެންޒާ ކޭސްތައް އިތުރެއް ނުވޭ. އެކަމަކު، މަދު މަދުން އޭގެ ކޭސްތައް އެބަ ފެނޭ. މި ވައިރަހާއި އާދައިގެ ރޯގާ އާއި ރޯގާގެ އަލާމާތްތައް އެއްގޮތް ވާނެ،" ފައިސަލް ވިދާޅުވިއެވެ.
ޕެރައިންފްލުއެންޒާ ޖެހިގެން ކުއްޖަކު މަރުވިއިރު، އިންފްލުއެންޒާ ޖެހިގެން މިދިޔަ މަހު ޒުވާން ފިރިހެނަކާއި އަންހެނަކުވެސް މަރުވެފައިވެއެވެ.
އިންފްލުއެންޒާއާއި ޕެރައިންފްލުއެންޒާ އަކީ އެއްގޮތް ކަންތައްތައް ހުރިނަމަވެސް ދެ ބައްޔެކެވެ. އިންފްލުއެންޒާ އާއި ޕެރައިންފްލުއެންޒާ ފެތުރޭ ގޮތާއި ބަލީގެ އަސަރުކުރާ ތަންތަނާއި އަދި ނުރައްކާ އޮންނަ އުމުރު ދާދި އެއްގޮތެވެ. ނަމަވެސް އިންފްލުއެންޒާއާއި ޚިލާފަށް ޕެރައިންފްލުއެންޒާއަށް ބޭހެއް ނުވަތަ ވެކްސިނެއް އަދި ޚާއްސަކޮށް އުފައްދާފައެއް ނުވެއެވެ.
އިންފްލުއެންޒާއެކޭ އެއްގޮތަށް ޕެރައިންފްލުއެންޒާވެސް ފެތުރެނީ ބަލިޖެހިފައިވާ މީހެއް ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށް ދޫވާ ކުޅުތިކީގެ ޒަރިއްޔާއިންނެވެ. އަދި ބަލީގެ ޖަރާސީމުގެ އަސަރު، ޖަރާސީމު ހަރުލާ ތަނެއްގެ ގޮތުން ގަޑިއިރުތަކަކަށް ހުންނާނެކަމަށްވެސް ސިއްޚީ މާހިރުން ވިދާޅުވެއެވެ.
އެނގިފައިވާ ގޮތުގައި ޕެރައިންފްލުއެންޒާ ވައިރަސް ފެންނަމުންދާއިރު، އެ ވައިރަސްއަށް ދޭނެ ވެކްސިނެއް އަދި ބޭހެއް މިވަގުތަކު ނެތެވެ.

