25 ފަޅު ރަށެއް ކައުންސިލްތަކަށް ދޫކުރަން ނިންމާ، ކައުންސިލްތަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިގޮތުން ކައުންސިލަތަށް ދޫކުރަން ނިންމި 25 ފަޅު ރަށަކީ
- ހދ. ފެރިދޫ
- ހދ. ހިރިނައިދޫ
- ށ. ނަރުރިނބުދޫ
- ށ. މިގޫދޫ
- ނ. ދީފުރަމް
- ނ. އިނގުރައިދޫ
- ރ. ހިބޫދޫ
- ރ. ހުޅުދޫ
- ރ. ނެޔޮ
- ބ. މާއްޑޫ
- ބ. ދަކަންދޫ
- މ. މާހުރާ
- ފ. މަކުނުއެރި
- ދ. ފެންފުށި
- ފ. މިނިމަސްގަލި
- ތ. ފެންމީރުފުށި
- ތ. ކަކޮޅަސް
- ލ. ކަނޑަރު
- ލ. ބޮޑުމާބުޅަލި
- ގއ. ވިލިގާލާ
- ގއ. މަނުންދުވާ
- ގދ. މާނައިދޫ
- ގދ. އާކިރާހުއްޓާ
- ގދ. ވާރެޔަދުވާ
- ގދ. ލޮނުދޫ
ރަށްރަށުގެ ތަރައްގީގެ ބޭނުމަށް ރަށްރަށުގެ ކައުންސިލްތަކުން އެދޭ އިހުތިސާސުން ބޭރުގައި ހިމެނޭ ފަޅުފަޅާއި ރަށްރަށް އެ ކައުންސިލްތަކަށް ހަވާލު ކުރެވޭނެ ގޮތަށް ހަމަޖައްސާ އެކަމުގެ އުސޫލު ސަރުކާރުން ގެޒެޓް ކުރީ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާބެހޭ ގަވާއިދުގެ ނަމުގައި އާއްމު ކުރި އުސޫލުގައި ވިދާޅުވެފައި ވަނީ ރަށްތައް ދޫކުރެވޭނީ މި ގަވާއިދުގެ ދަށުން ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާނުކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
އަދި ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަނޑައަޅާ ފަރާތަކަށް ނޫނީ ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފްސީލު ރިޕޯޓަކާއެކު ކައުންސިލަކުން ނުވަތަ ކައުންސިލްތަކަކުން ހުށަހެޅުމުން، ކަނޑައަޅާ ކައުންސިލަކަށް ނުވަތަ ކައުންސިލްތަކަށް ރަށެއް ނުވަތަ ރަށުން ބައެއް ދޫކުރެވޭނެ ކަމަށް ބުނެފައި ވެއެވެ.
ރަށެއް ހޯދުމަށް ޕްރޮޕޯސަލް ހުށައެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ޕްރޮޕޯސަލް ފާސްކުރަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެ ރަށެއްގައި ކުރަން ނިންމާ ބޭނުމަކަށް ކައުންސިލަށް ރަށް ދޫކުރުމާ ގުޅޭގޮތުން، އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކައުންސިލްތަކަށް ރަށްތައް ދޫކުރާނީ، ޕްރޮޕޯސަލް ހުށައެޅުމުން، ވަޒަން ކުރުމަށްފަހު ގައެވެ.

