ރާއްޖޭގެ މާލީ ނިޒާމާ މެދު އިތުބާރު ގެއްލުވާލައި، އިގުތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތަށް ހުރަސްއަޅަން، ހަގީގަތާ ހިލާފު ވާހަކަތައް ނުފަތުރަން ސަރުކާރުން މިއަދު އިލްތިމާސްކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެއަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ އައިއެމްއެފްގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ ރާއްޖޭގެ މާލީ އަދި ބޭންކިން ނިޒާމާ މެދު އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި ފަތުރަމުންދަނީ ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އެ ބަޔާނުގައި ބުނީ އިގުތިސޯދު ވަރުގަދަ ކުރުމަށްޓަކައި ފަށާފައިވާ އިސްލާހީ އެޖެންޑާގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާއި މާލީ ނިޒާމާ މެދު އޮތް އިތުބާރު ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އަދި މި ސަރުކާރަށް ވާރުތަވެފައިވާ މާލީ ދަތިތަކާ އެކު ވެސް، ރާއްޖޭގެ އިގުތިސޯދީ ދުވެލި ރަނގަޅު ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ބުނެފައިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން، ރާއްޖޭގެ އިގުތިސޯދާ މެދު ބޭރުގެ އިތުބާރު ހޯދަން މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި އެ ކަމަށް ހުރަސްއެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.
ދަރަނީގެ އިތުރުން، މާލީ ހާލަތު ހަމަޔަކަށް އެޅުވޭނީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ. އެހެންވެ، މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސަބްސިޑީ ރިޕޯމު ކުރުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް ޕްލޭން ކޮށްފަ އެވެ.
ދާދި ފަހުން ރާއްޖެ އަށް ޒިޔާރަތްކުރި ވަފުދުން ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމާއި މާލިއްޔަތު އިސްލާހުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.

