ޕްރިމިއަ ލީގުގައި ރަށުން ބޭރުގައި 5-0 ގެ ނަތީޖާއަކުން ބާންލޭ ބަލިކޮށް އާސެނަލުން ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލް ފަހަތުން ދެވަނައިގައި ވިއްދައިފިއެވެ.
ބާންލޭގެ ދަނޑުގައި އާސެނަލުން ހޯދި މޮޅާއެކު އެ ޓީމުން ވަނީ 55 ޕޮއިންޓު ހަމަކޮށްފައެވެ. ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިންވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ އެވެ. ރޭ އާސެނަލުން އަތުން ބާންލޭ އޮތީ13 ޕޮއިންޓާއެކު 19 ވަނައިގައެވެ.
ރޭގެ މެޗު ފަށައިގެން 4 ވަނަ މިނެޓުގައި އާސެނަލްގެ މާޓިން އޮޑެގާޑް ވަނީ ގޯލެއް ޖަހައި އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީ އެއްގައި އާސެނަލްގެ ދެވަނަ ގޯލް ޖެހީ ބުކަޔޯ ސަކާ އެވެ. އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތަކުން ސަކާ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އިތުރު ގޯލެއް ޖަހައި އާސެނަލްގެ ލީޑު ފުޅާކޮށްދީފައެވެ. އާސެނަލްގެ ހަތަރު ވަނަ ލިއަންދްރޯ ޓްރޮސާޑް ޖަހައިދިންއިރު ފަސްވަނަ ގޯލް ޔޭކޮބް ކިވިއަރގެ އެހީތެރިކަމާއެކު ޖެހީ ކައި ހަވާޓްޒް އެވެ.
ޕްރިމިއަ ލީގުގައި ރޭ ކުޅުނު އެހެނިހެން މެޗުތަކަށް ބަލާއިރު ލިވަޕޫލުން ވަނީ 4-1 އިން ބްރެންޓްފޯޑް ބަލިކޮށްފައެވެ. ޗެމްޕިއަން މެންޗެސްޓަ ސިޓީއާ ޗެލްސީއާ ވާދަކުރި މެޗު 1-1 އިން އެއްވަރު ވެގެން ނިމުނުއިރު އެސްޓަން ވިލާ އިން ވަނީ ރަށުން ބޭރުގައި ފުލަމް 2-1 އިން ބަލިކޮށްފައެވެ.

