ހިނދުކޮޅެއްގެ އުފަލާ އަރާމަށްޓަކައި، މައުސޫމް އަންހެނުންނާއި، ފިރިހެނުން ދުނިޔޭގެ ދަހިވެތިކަމާއި، ތިމާގެ ކެހިވެރިކަމުގެ ދަލުގައި ޖައްސައި މަކަރާއި ހީލަތުން ފާހިޝް ޢަމަލުތަކަށް އަރައިގަތުމަށް މަޖްބޫރުކޮށް ދެދުނިޔޭގެ ބާއްޖަވެރިކަމުން މަހުރޫމު ނުކުރުމަށް މިއަދުގެ ހުތުބާގައި އިރުޝާދު ދީފިއެވެ.
މިއަދުގެ ޚުތުބާ އަލި އަޅުވާލާފައިވަނީ ފާހިޝް އަމަލު ތަކުން ދުރުހެލިވުމާއި ގުޅޭ ގޮތުންނެވެ. އެގޮތުން، މިއަދުގެ ޚުތުބާގައި ބުނެފައިވަނީ، ބިންމަތީގެ ފަސާދައާއި ނުބައި ހުރިހާ ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލު ތަކުގެ ސަބަބުން ކަމަށެވެ.
އަދި، އިންސާނާ ދިރިއުޅޭ ވެށި ތަޣައްޔަރުވެ، ފަސާދަވެ އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެނީ އިންސާނާގެ އަތުން ކޮށް އުޅޭ އަމަލު ތަކުގެ ސަބަބުން ކަމަށްވެސް މިއަދު ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން މިއަދުގެ ޚުތުބާގައި ޒިނޭ އާއި ގާތް ނުވުމަށްވެސް ވަނީ ގޮވާލާފައިއެވެ. އެއީ ޒިނޭގެ ނުރައްކަލާއި ގެއްލުން ބޮޑުވެ، އޭގެ ސުންޕާކަމުގެ ސަބަބުން މުޖްތަމަޢު ފަސާދަވެ، ނަސްލު އޮޅުން ބޮޅުންވާނެތީއެވެ. އަދި އެއީ އީމާންކަން ނިގުޅިގެން ދާނެ ކަމެއްކަމަށް މިއަދުގެ ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
الله އާއި، އެކަލާނގެ ރަސޫލާ ދައްކަވާފައިވާ މަގަށް ތަބާވުމަށް މިއަދުގެ ޚުތުބާގައިވެސް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި މާތްالله ރުހިވޮޑިގެންވާ މަގަށް ކަންކުރުމުން ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެން ދާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

