ދުވާފަރުގެ ކަރަންޓް ދިނުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް މެނދުކެނޑިފައިވަނިކޮށް ސްޓެލްކޯގެ އިންޖިނިއަރުންގެ ޓީމުގެ އެހީތެރިކަމާއި އެކު މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދީފިއެވެ.
މަޢުލޫމާތު ލިބޭގޮތުން ކަރަންޓްދޭ ކޭބަލަކަށް މައްސަލައެއް ދިމާވެ އެރަށުގެ ބޮޑު ސަރަޙައްދަކުން ކަރްންޓުކެނޑިފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
އެމްޑަބްލިއުއެސްސީން ހިދުމަތް ދެމުންގެންދާ ދުވާފަރުގެ ކަރަންޓް މައްސަލަ ހައްލުކުރުމަށް އެޓީމަށް އެހީތެރިވުމަށް، ސްޓެލްކޯގެ އިންޖިނިއަރުންގެ ޓިމެއްވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ދުވާފަރަށް ގޮސްފައެވެ. އަދި މައްސަލަ ހައްލުކޮށް މިއަދު ހެނދުނު 6:30 ހާއިރު ވަނީ ކަރަންޓުގެ ހިދުމަތް އަލުންދީފައެވެ.
މިކަމާއި ގުޅިގެން ސްޓެލްކޯ އެމްޑީގެ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ އިންޖީނިއަރިންގ ޓީމުގެ އެހީތެރިކަމާއެކު، މިއަދު ހެނދުނު 6:30 ހާއިރު ރ. ދުވާފަރުގެ ކަރަންޓުގެ މައްސަލަ ހައްލުކޮށް އެ ރަށަށް ވަނީ ކަރަންޓު ދެވިފައި ކަމަށެވެ. އަދި ރައްޔިތުންނަށް ސްޓެލްކޯގެ ބޭނުން ޖެހޭ މިފަދަ ކޮންމެ ދަނޑިވަޅެއްގައި، އެއީ ޤައުމީ މަސައްކަތެއް ކަމުގައި ދެކި، ކުންފުނީގެ މުވައްޒަފުން ކުރައްވަމުންގެންދަވާ އިޚްލާސްތެރި މަސައްކަތްތަކަށް ފަޚުރުވެރިކަމާއި ސާބަހާއިއެކު ޝުކުރުދަންނަވާ ކަމަށެވެ. ސްޓެލްކޯ ވާނީ އަބަދުވެސް ރައްޔިތުންނާއެކު، އެ ރައްޔިތުންގެ ޚިދުމަތުގައި ކަމަށް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
ރައްޔިތުންގެ ދިމާވާ މިފަދަ ކޮންމެ ކަމެއްގައި ސްޓެލްކޯ ކުންފުނީގެ ފަރާތުން ބޮޑު އެހީތެރިކަމެއް އަބަދުވެސް ލިބެމުންދާ ކަމަށް ގިނަ ރައްޔިތުން ގަބޫލު ކުރެއެވެ. އަދި މީގެ އިތުރަށް މާލޭގެ އާސާރީ ތަންތަން ބެލެހެއްޓުމަށް ސްޓެލްކޯގެ ފަރާތުން ވަނީ ހަވާލުވެފައެވެ.

