ޝައިޠާނާ އެދެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުން އިންސާނާ މަޙުރޫމު ކުރާށެވެ. ކުރިމަތިންނާއި، ފަހަތުންނާއި، އަރިއަރިމަތިން އައިސް، އިންސާނާއަށް ވަސްވާސް ދޭނެކަމަށް އޭނާ ވަނީ ވަޢުދުވެފައެވެ.
ގަސްކަނޑައިލަން ދިޔަމީހާއާ ޝައިޠާނާ ދިމާކުރީ މި ދެންނެވި ވަޢުދުގެ ދަށުންނެވެ. މަޝްހޫރު ވާހަކައެއްގައި އޮންނަނީ، ރަށެއްގައި މީސްތަކުން ﷲ ފިޔަވައި އަޅުކަން ކުރަމުން އައި ގަހެއް ހުރިކަމަށެވެ. އެ ރަށުގައި އުޅުނު މީހަކަށް މިކަންތައް ބޮޑުވެގެން، އޭނާ އެ ގަސް ކަނޑައިލުމަށް ނިޔަތްގަނެ، ފުރޯއެއް ހިފައިގެން ގަހާ ދިމާލަށް މިސްރާބުޖެހިއެވެ. އިންސާނެއްގެ ސިފައިގައި ޝައިޠާނާ އޭނާއާ މަގުމަތިން ބައްދަލުކޮށް ސުވާލު ކުރިއެވެ. “ކޮންތާކަށް ތިޔަ ދަނީ؟” “މިދަނީ ގަސް ކަނޑައިލަން!” ވަރަށް ސާބިތުކަމާއެކު އެ މީހާ ޖަވާބުދިނެވެ. ޝައިތާނާ ބުނީ “ތިބާ އެ ގަހަށް އަޅުކަމެއް ނުކުރަމު ނޫން ހެއްޔެވެ؟ ދެން އެހެން ބަޔަކު އެ ގަހަށް އަޅުކަން ކުރުމަކުން ތިބާ އަށް އޮތީ ފަހެ، ކޮން ގެއްލުމެއް ހެއްޔެވެ؟” (މިއީ ވަރަށް ގިނައިން އަޅުގަނޑުމެންގެ ތެރޭ ބުނެވޭ ޢިބާރާތެކެވެ.)
ގަސް ކަނޑައިލަން ދިޔަމީހާ އިތުރަށް ރުޅި ގަދަވެ ބުންޏެވެ: “އަހަރެން އެ ގަސް ކަނޑާހުށީމެވެ.” ޖަވާބުގައި ޝައިޠާނާ ބުންޏެވެ: “ތިބާ އަށް ތިޔަށްވުރެ ފައިދާ ހުރި ކަމެއް ނެތީ ހެއްޔެވެ؟”، އެ ގަސް ނުކަނޑައިފިނަމަ ކޮންމެ ދުވަހަކު ދެ ދީނާރު އޭނާގެ ބާލިސްދަށުން ފެންނާނެ ކަމުގައި ޝައިޠާނާ ބުންޏެވެ. އަޖައިބުކަމާ އެކު އޭނާ ސުވާލު ކުރިއެވެ. “އެ ދެ ދީނާރު ދޭނީ ކާކު ހެއްޔެވެ؟” “އެ ދީނާރު ދޭނީ އަހަރެންނޭ” ޝައިޠާނާ ބުންޏެވެ.
މި ގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު، ދީނާރު ލިބުން ހުއްޓިއްޖެއެވެ. އެ މީހާ އަރައިގެން ރުޅިން އެއްކަލަ ގަސް ކަނޑައިލަން އަނެއްކާ ވެސް ދިޔައެވެ. އޭނާއާ ބައްދަލުކޮށް ޝައިޠާނާ ބުންޏެވެ. “ތިޔަ ދަނީ ކޮންތާކަށް ހެއްޔެވެ؟” “މިދަނީ، މީސްތަކުން ﷲ ފިޔަވައި އަޅުކަންކުރާ ގަސް ކަނޑާލާށެވެ!” ޝައިޠާނާ އޭނާ އަށް ބުންޏެވެ. “ކަލޭތީ ދޮގުވެރިއެކެވެ.” ތިޔަ ދަނީ ދީނާރު ނުލިބުމުން އެކަމުގެ ރުޅީގައި ގަސް ކަނޑާށެވެ! އޭނާ ގޮސް ގަހުގައި ތަޅައިތަޅައި ބަލިވެގެން ޖެހުނީ ހުއްޓާލާށެވެ! ގަހެއް ނުކެނޑުނެވެ. އޭނާގެ ނިޔަތުގެ އިޚްލާޞް ގެއްލުނީއެވެ.
މި ވާހަކައިން ޢިބުރަތް ހާސިލު ކުރާށެވެ. ބާރު ލިބެނީ ﷲ ދެއްވީމައެވެ. މާއްދިއްޔަތަށް އަޅުވެތި ވެގެންނެއް ނޫނެއެވެ. ނުވަތަ ތިމާގެ މޮޅުކަމަކުން ވެސް ނުމެނޫންމެއެވެ. ފައިސާގެ ދަހިވެތިކަމުގައި ކުރާ އެއްވެސް ކަމަކުން އެދެވޭ ނަތީޖާއެއް ނުފެންނާނެއެވެ.
މައުލޫމާތު: الشَّيْخ مُحَمَّدُ أَفْضَل / ދީނުގެމަގު

