ބައެއް ފަހަރު މިއީ ފެނުމުން އަޖައިބުވާފަދަ ހައިރާންކުރުވަނިވި މަންޒަރެކެވެ. ދެމަފިރިއަކު ނުވަތަ ދެލޯބިވެރިއަކު ޒުވާބުކުރަމުން ގޮސް އިންތިހާއަށް އަނިޔާ ކުރާތަން ފެނިދާނެއެވެ، އެވަގުތު ބައިވެރިޔާ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ފުރާނައަށް އަރައިގަންނަ މަންޒަރުވެސް ފެނިދާނެއެވެ، އަނެއްކާ ހަމަ މާގިނައިރުތަކެއް ނުވެ އެއްކަލަ އަނިޔާކުރި ބައިވެރިޔާއަށްޓަކައި އަނިޔާ ލިބުނު ފަރާތުން ފިދާވެ ލޯބިވާ މަންޒަރު ފެނިދާނެއެވެ.
ހައިރާން ނުވާށެވެ، މިއީ ސަބަބެއް ނެތި ދިމާވާ ކަމެއް ނޫނެވެ.
މިއީ ދިމާވާ ހާލަތެއްގެ ސަބަބުން ވެދާނެ ކަމެކެވެ. މިގޮތަށް އަނިޔާކުރާ މީހާދެކެ އާދަޔާހިލާފަށް ލޯބިވުމަކީ ނަފުސާނީ މައްސަލައެކެވެ.
ސްޓޮކްހޯމް ސިންޑްރޯމް (stockholm syndrome) އަކީ އަޅުވެތި ކުރުން ނުވަތަ އަނިޔާވެރި ހާލަތްތަކުގައި އަނިޔާވެރިޔާއާ ދިމާއަށް ލެބިގެންދިއުމެކެވެ. އަނިޔާ ލިބޭ ވަރަކަށް އަނިޔާ ކުރާ މީހާ ނުވަތަ އަނިޔާކުރާ މީހުންނާ މެދު ހިތް ޖެހޭ ގޮތްވެއެވެ. މި މައްސަލަ ދިމާވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ކޯޗު-އެތުލީޓުންނަށް ކުރާ އަނިޔާއާއި، ރިލޭޝަންޝިޕް އެބިއުސްއާއި، ޖިންސީ ޓްރެފިކިންގގެ ތެރެއިންނެވެ.
ސްޓޮކްހޯމް ސިންޑްރޯމް އަކީ ސީދާ ނަފުސާނީ ބައްޔެއް ނޫނެވެ. އެކަމަކު މިއީ އާދަޔާހިލާފު އަނިޔާތަކަށް ހިތް ޖެހި، އެފަދަ ކަންތައްތަކަށް ކެތްތެރިވެ އުޅުމާއި އެއަނިޔާތަކުން ހިތްހަމަޖެހުން ލިބޭ ކަހަލަ ގޮތް ވުމެވެ. މިއީ ބައްޔަކަށް ނުވިޔަސް ނުހަނު ބޮޑު ނަފުސާނީ މައްސަލައެކެވެ.
އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަންގެ ޑައިގްނޯސްޓިކް އެންޑް ސްޓެޓިސްޓިކަލް މެނުއަލް އޮފް މެންޓަލް ޑިސްއޯޑާސް (ޑީއެސްއެމް) ގައި ބުނާގޮތުން ސްޓޮކްހޯމް ސިންޑްރޯމް އަކީ ކިޑްނެޕްކުރުމާއި އަނިޔާވެރި ރަހީނު ކުރުންތައް ކަހަލަ ހާލަތްތަކުގެ ޝިކާރައަކަށް ވުމުން އެކަންތައްތަކަށް ކެތްކޮށް އެކަމަށް ހިތްލެބުމެވެ.

ސްޓޮކްހޯމްސިންޑްރޯމް..ބައްޔަކަށް ނުވިޔަސް ނުހަނު ބޮޑު ނަފުސާނީ މައްސަލައެކެވެ….ފޮޓޯ:އައިސްޓޮކް
މިކަން ދިމާވާ ގޮތަކީ އަނިޔާ ކުރާ މީހާގެ ފަރާތުން ތާއަބަދު އަނިޔާވެރިކަން ތަހައްމަލު ކުރަން ޖެހިފައި ވަނިކޮށް ކުޑަކުޑަވެސް އޯގާތެރިކަމެއް ދައްކައފިނަމަ އެމީހާދެކެ އާދަޔާ ހިލާފަށް ރުހެވޭގޮތް ވަނީއެވެ. ހަގީގަތުގައި އޭނާގެ ފަރާތުން ލިބެމުންދާ އަނިޔާތަކަކީ އެއީ ތިމާއަށް ލިބެން ޖެހޭ ތިމާދެކެ އޭނާ ހުންނަ ލޯތްބަކާއި ކުލުނެއްގެ ސަބަބުން އެހެން ފަރާތަކަށް ތިމާ ގޮސްފާނެތީވެ އޭނަ ކުރާ ކަމެއް ގޮތަށް އޮންނަނީ ވިސްނިފައެވެ.
އަދި އޭނާ ތިމަންނާއާމެދު އެ ފާރަވެރިވާ ގޮތަށް އެހެން މީހަކު ތިމަންނާއާމެދު ނުދެކޭނެކަމަށް ގަބޫލު ކުރެވެނީއެވެ. ގިނަފަހަރަށް މިގޮތަށް ދިމާވަނީ ކުޑައިރު ނޫނީ ބޮޑުވެގެން އަންނައިރު އުޅޭ މާހައުލުން ލިބޭ އަނިޔާއަކަށް ނޫނީ ދިމާވާ އުނދަގޫހާލަތަކުން ސަލާމަތްވުމަށް ފެންނަ މަގަކަށް އެއްކަލަ އަނިޔާވެރިޔާ ވެގެންދާ ހާލަތްތަކުގައެވެ.
"މިސާލަކަށް ކުއްޖަކު ބޮޑުވެގެން އަންނައިރު އެކުއްޖާއަށް ގޭތެރެއިން ވަރަށް އަނިޔާ ލިބެމުން ދަނިކޮށް އޭނާއަށް އެ އަނިޔާ ނޫނީ އުނދަގޫހާލުން ސަލާމަތްވުމަށް މަގު ދައްކައިދެނީ ކޮންމެވެސް މީހަކު. ދެން އެމީހާ ވާނީ އެކުއްޖާއަށް ކިހާ ހާއްސަ މީހަކަށް، އެހެންވެ އެމީހާ ހެދި ކޮންމެ ގޮތަކަށް އެއްކަލަ ކުއްޖާ ރުހޭގޮތްވޭ.
މިއީ އެއް ވައްތަރު. އަނެއްބައި ފަހަރު އެބަހުރި ކިޑްނެޕްކޮށް ރަހީނުކޮށް ހެދީމަ އެމީހާދެކެ ލޯބިވެފައި. ރަހީނުކޮށްގެން އެހެން މީހަކަށް ލިބިދާނެތީ ރައްކާކުރަނީކަމަށް ބުނެ އެހެންމީހަކާއެކު ގޮސްދާނެތީ ބިރުގަންނަކަމަށް ބުނެ ކުރާ ވަރަށް ބޮޑެތި އަނިޔާތައް ދެކެ ރުހިގަބޫލުވެފައި ހުރޭ. މިއީ އަސްލު ނަފުސާނީ މައްސަލައެއް." ނަފުސާނީ މައްސަލަތައް ދިރާސާ ކޮށް ފަރުވާ ދެއްވުމުގައި ތަޖުރިބާ ހުންނެވި، ހާއްސަކޮށް ސްޓޮކްހޯމް ކޭސްތަކުގައި ފަރުވާދެއްވާ ޑޮކްޓަރ އަނާ ސޯފިއާ ބުނެފައިވެއެވެ.
ތިމާއަށް ނުވަތަ ތިމާއަށް އެނގޭ މީހަކަށް ސްޓޮކްހޯމް ސިންޑްރޯމް ޖެހިފައިވާ ކަމަށް ގަބޫލުކުރެވޭ ކަހަލަ މަންޒަރުތަކެއް ފެނިފައިވާ ނަމަ އެމީހަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. ސަބަބަކީ މިފަދަ އަނިޔާވެރިކަމުގެ ތެރޭގައި މީހުން މަރާ ހަމައަށް ގެންގޮސްފައި ހުރުމުންނެވެ. އަދި މިއީ ދިގުމުއްދަތަކަށް އަސަރުހުންނަ ކަމަކަށްވެސްވާތީއެވެ.

ދިގު މުއްދަތަކަށް ސައިކޮތެރަޕީ ދިނުމަކީ އިތުރަށް އެހީތެރިވެދޭނެ ކަމެކެވެ….ފޮޓ:އައިސްޓޮކް
އެހީތެރިވާން އިސްނަގާއިރު މިއީ އެހާ ފަސޭހަކަމެއް ނޫންކަން ގަބޫލުކޮށް ކެތްތެރިވާންޖެހޭނެއެވެ. ގިނަފަހަރަށް މިފަދަ ހާލަތްތައް ދިމާވެފައިވާ މީހުން ތެދަކަށް ކިޔައިނުދޭނެއެވެ. އަދި އެމީހުންނަށް އެކަމުން ސަލާމަތްވާކަށްވެސް ނޭނގޭނެއެވެ. އެމީހުންނަށް ވިސްނައިދެވިފައިވާނީ އެ"އަނިޔާ"އަކީ އޭނާއަށް ލިބުން ހައްގު ކަމެއްގެ ގޮތުގައެވެ. އަދި އެއަށްވުރެ ރަނގަޅު ދިރިއުޅުމެއް އޭނާއަށް ނުލިބޭނެ ކަމަށެވެ. އެހެންކަމުން "ސްޓޮކްހޯމް" ހުންނަ މީހަކު މިކަމުން ސަލާމަތްކުރުމަށްވެސް ވަރަށް ބޮޑު ހިތްވަރެއް ބޭނުންވާނެއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ޕޯސްޓް ޓްރޮމެޓިކް ސްޓްރެސް ޑިސްއޯޑަރަށް ކައުންސެލިންގ ނުވަތަ ނަފްސާނީ ފަރުވާ ދިނުމަކީ ހާސްކަމާއި ޑިޕްރެޝަން ފަދަ ވަގުތުން ދިމާވާ މައްސަލަތައް ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިގު މުއްދަތަކަށް ސައިކޮތެރަޕީ ދިނުމަކީ އިތުރަށް އެހީތެރިވެދޭނެ ކަމެކެވެ.
ސައިކޮލޮޖިސްޓުންނާއި ސައިކޮތެރަޕިސްޓުންގެ އެހީގައި، ކަން ހިނގި ގޮތާއި، އެކަން ހިނގި ސަބަބު ބުނެދީ ނަފުސާނީމައްސަލަ ހުރި މީހާއަށް "ސްޓްކޮހޯމް"ސިންޑްރޯމް ކިޔައިދީ އޭގެއިން ސަލާމަތް ވުމަށް ހަރަކާތްތެރިވެވޭނެ ގޮތްތައް ބުނެދީ ފަރުވާކުރެވޭނެއެވެ. މިއީ ފަސޭހަ ކަމަކަށްނުވިޔަސް މަސައްކަތުން ކާމިޔާބު ވާނެ ކަމެއްކަމަށް އަނާސޯފިޔާ ބުނެފައިވެއެވެ.

