އަތާއި ފައިގެ ނިޔަފަތިތައް ދިގުކުރުމަކީ ޒީނަތްތެރިވުމުގެ ނަމުގައި ތަހުޒީބުވެފައިވާ މުޖަތަމައުތަކުގައި ފެތުރިފައިވާ ނުބައި އާދައެކެވެ. މިކަމަކީ ހުޅަނގުގެ ކާފަރު މުޖްތަމަޢުތަކުން ފެތުރިގެން އައިސްފައިވާކަމެކެވެ.
މިކަން މިހާރު މިވަނީ އިސްލާ މުޖުތަމަޢު ތެރެއަށް ވަދެ، މުސްލިމުންގެ ތެރެއިން ގިނަ މީހުންނަށް ދީނުގައި މިކަމާއި މެދު އައިސްފައިވާ ޙުކުމް ނޭނގި ނުވަތަ އެކަން އެގެން ބޭނުންނުވެފައެވެ.
ދީނީ ގިނަ ކަންކަމުގައި ފަރުވާކުޑަ ވެވޭ އުޞޫލުން މިކަމުގައިވެސް ފަރުވާ ކުޑަވެވެނީއެވެ.
ނިޔަފަތި ދިގުކުރުމަކީ ފިޠުރީ ސުންނަތާއި ހިލާފް ކަމެއް:
ނިޔަފަތި ދިގުކުރުމަކީ ދެ ޖިންސުގެ ދެމެދުގައިވެސް ހިނގަމުންދާ ﷲ ގެ ހަޟްރަތުން ބާވައިލެއްވި އިސްލާމްދީނުގެ އުޞޫލަތަކާއި އަދި އިންސާނީ ވަންތަކަމާއި ފުށުއަރާކަމެކެވެ.
މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައި ވެއެވެ. "މަތިމަސް ކޮށުމާއި،ނިޔަފަތިތައް ކެނޑުމާއި، ކިހިލިފަތްދަށުގެ އިސްތަށިތައް އުފުރުމާއި،އައުރަ ގުނަން ވަށައިގެންވާ އިސްތަށިތައް ބޭލުމަށް ތިމަންމެންނަށް ވަގުތު ކަނޑައެޅުނެވެ. (އެއީ) އެއިން ކަމެއް ސާޅީސް ރެއަށް ވުރެ ފަސް ނުކުރުމަށެވެ."
އަލްއިމާމް އަންނަވަވީ ރަޙިމަހުﷲ "އަލްމަޖްމޫޢު" ގައި ވިދާޅުވެފައިވެއެވެ. "ނިޔަފަތި ކެނޑުމުގެ މުއްދަތު ދަންނައެވެ. އެކަން ބިނާވެގެންވަނީ ނިޔަފަތި ދިގުވުމާއެވެ. ދިގުވެއްޖެ ނަމަ ކަނޑަންޖެހޭނެއެވެ. އަދި މި މުއްދަތަކީ ވަކިވަކި ޙާލަތްތަކުގައި ތަފާތުވާނެކަމެވެ."

ނިޔަފަތި ދިގުކުރުމަކީ ހަރާމްކަމެއް ކަމަށް ނުވަނަމަ މަކްރޫހަ ކަމެއްކަމަށް ދީނީ އިލްމުވެރިން ވިދާޅުވާކަމަށްވެއެވެ.
ނިޔަފަތި ދިގުކުރުމަކީ ސިއްޙީ ގޮތުން ގެއްލުން ހުރިކަމެއް:
ނިޔަފަތި ދިގުކުރުމުގެ ސަބަބުން ނިޔަފަތީގެ ތެރެއަށް ނަޖިސްވަދެ، އެމީހާގެ ވުޟޫ ސައްޙަ ވުމަށްވެސް ހުރަސްއަޅާފާނެއެވެ. ނިޔަފަތިތަކުގައި ހަޑި މުޑުދާރު ތަކެތި ހަރުލުމުން ނިޔަފަތް ރީނދޫވެ،ނިޔަފަތީގައި ޖަރާސީމު އުފެދެއެވެ. ނިޔަފަތި އަގަޔަށް ލުމަކީ ވަރަށް ގިނަ މީހުން ކުރަމުން އަންނަ ކަމެއް ނަމަވެސް މިއީ ހަށިގަނޑުގެ ތެރެއަށް ޖަރާސީމް ވަނުމަށް މަގުފަހިވާކަމެކެވެ.

ޒީނަތްތެރިވުމަކީ އޮތްކަމެއް ނަމަވެސް އެކަންކުރުމުގައި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުޞޫލުތަކުގެ ތެރެއިން ޒީނަތްތެރިވުމަކީ ދުނިޔެއާއި އާޙިރަތުގައިވެސް އެމީހަކަށް އުފާވެރިކަން ލިބިގެންދާނޭ ކަމެއްކަމުން އަހަރުމެން އެންމެންވެސް މިކަމަށް ސަމާލުވުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

