[މިއީ "ކުރީގެ ހުވަދުއަތޮޅި" ނަމަކަށް ކިޔާ ފޮތެއްގައި އަލްއުސްތާޛު ނ.ތ ހަސަންދީދީ ލިޔުއްވާފައިވާ ފޮތެކެވެ. މި ބޭފުޅާއަކީ ދެކުނުގެ ބަޣާވާން ފެށުނުއިރު އެއަތޮޅުގެ އަތޮޅުވެރިންނެވެ.]
"ހުވަދުއަތޮޅު ނަޑައްލާގައި އެއްޒަމާނެއްގައި ގެދޮރުއަލިކަލޭގެފާނު ކިޔުނު މާބޮޑު ފަންޑިތަވެރިއަކު އުޅުނުކަމަށްވެއެެވެ. މިކަލޭގެފާނު ޖިންނިއެއް ގެންގުޅުނުކަމަށްވެސް ވެއެވެ.
އެއްފަހަރަކު ނަޑައްލާގައި އާދަޔާހިލާފަށް ގިނައިން މީހުން މަރުވާން ފަށައިފިއެވެ. މިކަމާ ކަންބޮޑުވެގެން ރަށުމީހުން ގެދޮރުއަލިކަލޭގެފާނު ކައިރީ މިވާހަކަ ދައްކަން ފެށީމާ އަލިކަލޭފާނު ހެދިގޮތަކީ މިކަންވާ ގޮތެއް ބަލައި އޮޅުންފިލުވަން އޭނާ ގެންގުޅޭ ޖިންނިއަށް އަންގައިފިއެވ.
ގެދޮރުއަލިކަލޭގެފާނު ގެންގުޅޭ ޖިންނި ގޮސް ވަރަށް ރަނގަޅަށް ބަލާފައި އައިސް ޚަބަރުދިން ގޮތުގައި މިކަމަކީ ކަޅެހިނގިއްލާގެ މައިފުރޭތަ ކިޔާ ފުރޭތައެއް ކުރާކަމެކެވެ.
ކަޅެހިނގިއްލާއަކީ އިހުގައި ވަރަށްގިނަ މީހުން އުޅުނު ރަށެކެވެ. މިފުރޭތައިގެ ނުބައިކަމުން އެރަށުން މީހުން މަރުވަމުންގޮސް ރަށް ފަޅުވީއެވެ. އޭގެފަހުން މިފުރޭތަ މިހާރު ނަޑެއްލާއާއި ދިމާކޮށްގެން އުޅެނީއެވެ.
ގެދޮރުކަލޭގެފާނު އޭނާގެ ޖިންނިއަށް އެންގީ ކަޅެހިނގިއްލާގެ މައިފުރޭތައިގެ އުނދަގޫ ނަޑެއްލާ މީހުނަށް ނުފޯރާނެ ގޮތެއް ހެދުމަށެވެ. މިގޮތަށް އަމުރު ކުރުމުން މިޖިންނި މިކަން ކުރަން ދިޔައެވެ.
އެރޭ ދިޔަވަރު ހިކުނީމާ، ފަރުމަތީގައި ޖަހާފައިހުރި ތިލޯޓެއްގެ ކައިރީގައި މިޖިންނި ހުރެއްޖެއެވެ. ދެން ދަންވަރު އެއްކަލަ ފުރޭތަ އަރައިގެން އައިސް ތިލޯއްޓާއި ހަމަވުމުން ޖިންނި އެފުރޭތައިގެ ގައިގާ ބައްދައިފިއެވެ. ޖިންނިއާއި ފުރޭތަ ވެއްޓިގެން ފަރުމަތީގައި އޮޅުލައި ހިފަން ފަށައިފިއެވެ.
މިހެން ހިފަމުން ދިޔައިރު އެތާގެ ފަޅުމަތީގައި އެރަށު މީހުން މާލޫދުހަރުގެ އަޅަން ތޮށަލި ވިއަން މޫދު އަޅާފައިވާ ފަންތައް ހިފަހައްޓަން ޖަހާފައި ހުރި ކަޑަތަކެއް ހުއްޓެވެ.
ޖިންނި މިކަޑަތަކުގެ މައްޗަށް ފުރޭތަ ވައްޓާލައި އޮބައި ހިފަހައްޓައިފިއެވެ.
މިހިސާބަށް ދިއުމުން ޖިންނި ކުރެން ފުރޭތަ އަހައިފިއެވެ. "ކަލޭ މަށަށް ތިޔަ އުޅެނީ ކީއްކުރަންހޭ؟ ކަލޭ ތިއުޅެނީ ކީއްވެގެންހޭ؟"
ޖަވާބުގައި ޖިންނި ބުންޏެވެ. "ކަލޭ މިރަށުގެ މީހުނަށް އުނދަގޫ ކުރާތީ މިއުޅެނީ ގެދޮރުކަލޭގެފާނު އަންގަވައިގެން ކަލޭ މަރާލާށެވެ."
ދެންފުރޭތަ ވަރަށް ބިރުގެންފައި ދުވަހަކުވެސް ނަޑެއްލާއަށް ނާރާނެ ކަމަށް ވަޢުދުވިއެވެ. ޖިންނި މިކަން ޤަބޫލުކޮށް ފުރޭތަ ދޫކޮށްލައިފިއެވެ. އޭގެފަހުން ދުވަހަކުވެސް އެފުރޭތަ ނަޑެއްލާ އަކަށް ނާރައެވެ.
ފުރޭތަ ނަޑެއްލާއަށް ނޭރިއަސް ނަޑެއްލާއިން މީހުން މަރުވާ ދުވަސްވަރެއްގައި ވިއްޔާ ގޮނާނިގިއްޔާއި ކަޅަހިނގިއްޔާ ދެރަށް ދޭތެރެއިން ރޭގަނޑު އައްޔެއް ފެނެއެވެ. މިކަން އެގިގެން ޖިންނި އެކަލޭގެފާނަށް މިކަން އެންގިއެވެ.
އަލިކަލޭގެފާނު އައިރުޅިން ގޭދޮށު ހުރި ވަޅުދޮށުގައި ވަށްކޮށް ގަލެއް ހަދާފައި އެގަލުގެ މަތީގައި މިޖިންނި ބޭންދިއެވެ. މިއީ އެދުރުރު ޖިންނިއެއްކަމަށް ބުނެ އުޅެއެވެ.

ފޮތުގައި މަގުއްދޫކުއްޖާ ވާހަކައިގައި އިން ކުރެހުމެއް
ކުޑަދުވަސް ކޮޅެއްފަހުން ނަޑެއްލާ ދޮންރައިވެރިޔާ ނަޑެއްލާއިން ފުރައިގެން ގައްދުއަށް ދިޔަދަތުރުގައި ވިއްސާރަވެގެން މަގުއްދޫގައި މަޑުކުރިއެވެ. އެރަށަށް ދިޔައިރު އެރަށުމީހުން ރަށުން ފައިބާ ރަށުން މީހުން ހުސްވަނީއެވެ.
ނަޑެއްލާ ދޮންރައިވެރިޔާ އަވަހަށް އެރަށުން ފުރަން އުޅެނިކޮށް އަތިރިމަތީގައި ހުރި އަންހެން ކުއްޖަކު ދޮންރާވެރިޔާގާތު އޭނާ ގެންގޮސްދޭން ބުނުމުން ދޮންރައިވެރިޔާ އެކުއްޖާ ގޮވައިގެން ފުރައިފިއެވެ. މިދަތުރު ނިންމާ ރަށަށް ދަމުން ދޮންރާވެރިޔާ ދިޔައީ މިކުއްޖާ ގޮވައިގެން އޭނާގެ ރަށަށެވެ. މިކުއްޖާ ހުންނަނީ ދޮންރާވެރިޔާގެ ގޭގައެވެ. މިކުއްޖާއަށް އެރަށު މީހުން ކިޔާއުޅެނީ މަގުއްދޫ ކުއްޖާއެވެ.
ދޮންރާވެރިޔާ ރާއަރާފައި ގެންނަ ހުރިހާ ރާތަކެއް ކައްކަނީ މިކުއްޖާ އާއި ޙަވާލު ކޮށްގެންނެވެ. ނަމަވެސް ރާ ކެއްކުމުގެ ކަންކަން ރަގަޅަކަށް ކުރިއަށް ނުގެންދެވުނެވެ. ކޮންމެ ރެއަކު ރާ ތަރާފަތް ހޫނުވުމުން އޭގައި ހުންނަ އަކިރިތައް ހެލެން ފަށާއިރަށް މަގުއްދޫ ކުއްޖާ ބަދިގެއިން ނުކުމެގެން ދުވެ ރައްކައުވެދެއެވެ.
މިހެންވާކަން ދޮންރާވެރިޔާ އަންހެނުން ފާތުމައަށް އެގިގެން އެއްރޭ ރާ ކައްކަން އުދީމަ ފާތުމާ ބަދިގެއަށް ދިޔައެވެ. ބަދިގެ ތެރޭގައި ހުއްޓާ ތަރާފަތަށް ހޫނުވެ އަކިރިތައް ހެލެން ފެށިވަގުތު މަގުއްދޫ ކުއްޖާ ނުކުންނަން ދިމާކުރުމުން ރުޅިއައިސްގެން ރާ ދަނޑިގަޑުން އެކުއްޖާގެ ބޮލުގައި ތަޅައިގެންފިއެވެ. ދެން އެކުއްޖާ ނިކުމެގެން ދުވެފިލީއެވެ.
އެދުވަހަށްފަހު އެރަށުގެ އެކަކަށްވެސް މަގުއްދޫ ކުއްޖާ ނުފެނެއެވެ. ނަމަވެސް އޭގެ ފަހުން ރޭގަނޑު ރަށުތެރެއިން ކުޑަކުދިން ރޮއްވަން ފަށައިފިއެވެ. އާދެ ކުދިންގެ ރޯއަޑު އިވެން ފެށިއެވެ. ގޭގޭގެ ބިތު ބުޑުން ޓައްކަޑާ އަޑުވެސް އިއްވާކަމަށްވެއެވެ. އަދި ކުޑަކުދިންގައިގައި ކަސް އެޅުންފަދަ ކަންތައްވެސް ގިނަވިއެވެ."
(ނޯޓް: މި ފޮތުގައި އަދިވެސް ހުވަދުއަތޮޅާ ބެހޭ އެކިކަހަލަ މައުލޫމާތު ހުރިކަން ފާހަގަކޮށްލަމެވެ، އަދި މިވާހަކަތަކުން ބައެއް އަދިވެސް އިތުރަށް މި ނޫހުން ގެނެސްދޭނެ ވާހަކަވެސް ދެންނެވީމެވެ. ޝުުކުރިއްޔާ!)
މިފަދަ ފުލޯކު ވާހަކަތަކަކީ އޭގެއިން ޒަމާނާއި އޭރުގެ ދިރިއުޅުން ފެންނަ ވާހަކަތެކެއްކަން ޔަގީނެވެ، މިފަދަ ވާހަކަތަކަކީ ކިހާ ސައްހަ ވާހަކަތަކެއްކަން ބުނަން ނޭނގުނުކަމުގައި ވިޔަސް މިވާހަކަތަކުން އޭރުގެ ރަށްފުށުގެ ދިރިއުޅުންތަކުގެ އަސްލުމަންޒަރު ސިފަކުރެވޭކަމަށްޓަކައި އުފާ ކުރަމެވެ.

