އެމެރިކާގެ އަވަށެއް ކަމަށްވާ އަލަސްކާގެ އާ ސަރަހައްދަކުން ނުރައްކާތެރި ކޭސްއެއް ފެނުމާ ގުޅިގެން ސައިންސްވެރިންނާއި ސިއްހީ މާހިރުން ދަނީ އަލަސްކަޕޮކްސް ނަމަކަށް ކިޔާ މަދުން ނޫނީ ނުފެންނަ މި ވައިރަސް ވަރަށް ގާތުން ބަލަމުންނެވެ.
2015 ވަނަ އަހަރު އަލަސްކަޕޮކްސް އެންމެ ފުރަތަމަ ފެނުނު ފަހުން ދެނެގަނެވުނު މަދު ކޭސްތަކަކީ އާންމުގޮތެއްގައި އާދައިގެ އަލާމާތްތަކާއި ގުޅިފައިވާ ކޭސްތަކެކެވެ. އޭގެ ތެރޭގައި ހުޅުހުޅުގައި ނުވަތަ މަސްތަކުގައި ރިއްސުމާއި، ލިމްފް ނޯޑު ދުޅަވުމާއި، ގައިގެ އެކި ތަންތަނުގައި ގޮށްލުން ހިމެނެއެވެ.
އާންމުގޮތެއްގައި މި ވައިރަސް ހަށިގަނޑުން ފިލައިގެން ދިއުމަށް ހަފުތާތަކެއް ނަގައެވެ. ނަމަވެސް ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް މި ވައިރަހުގެ ސަބަބުން މާ ނުރައްކާ ވެއެވެ.
އަލަސްކަޕޮކްސްގެ ސަބަބުން މަރުވި ފުރަތަމަ މީހާއަކީ ކެނައި ޕެނިންސިއުލާގައި ދިރިއުޅޭ އުމުރުން ދުވަސްވީ މީހެކެވެ. މިއީ އެންމެ ފުރަތަމަ މި ވައިރަސް ފެނުނު ފަހުން ޕޮޒިޓިވްވި ހަތް ވަނަ ކޭސްއެވެ . މިއީ ފުރަތަމަ ކޭސް ފެނުނު ހިސާބާއި 500 ކިލޯމީޓަރު (311 މޭލު) ދުރުގައި ހުންނަ އަލަސްކާގެ ފެއާބޭންކްސް އިން ރިޕޯޓްކުރި ކޭސްއެކެވެ.
މި ނުރައްކާތެރި ކޭސްގައި ބަލިމީހާގެ ކަނާތު ކަނދުރާގެ ދަށުގައި ރަތް ކުލައިގެ ފިތް ނަގައި، އެތަނުން ދިލައިގެ ނަގަންފެށިއެވެ. އަދި ހަށިގަނޑުގެ ވަރުދެރަވެ ވަރުބަލިކަންވެސް އެމީހާއަށް އިހުސާސްކުރެވުނެވެ
އޭނާއަކީ ކެންސަރަށް ފަރުވާ ހޯދަމުންދާ މީހަކަށްވުމުން އޭނާގެ ހަށިގަނޑު ނާޒުކު ހާލަތެއްގައި އޮތުމުގެ ސަބަބުން ވައިރަހުގެ ނުރައްކާތެރިކަން ބޮޑުކަމަށް ބެލެވެ އެވެ.
ސްޓޭޓް އޮފް އަލަސްކާ އެޕިޑެމިއޮލޮޖީ ބުލެޓިންގައިވާ ގޮތުން ނޮވެމްބަރު މަހު ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށް ފަހު، ޖެނުއަރީ މަހުގެ ފަހުކޮޅު ބަލިމީހާ ވަނީ މަރުވެފަ އެވެ.
ސިއްހީ އޮފިޝަލުންގެ ނިންމުމަކީ އަލަސްކަޕޮކްސް ހީކުރި ވަރަށް ވުރެ ބޮޑަށް ފެތުރިފައިވާ ކަމަށާއި ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އޮތް ނުރައްކާތަކާ މެދު އިތުރަށް ހޭލުންތެރިވާން ޖެހޭ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު، އަލަސްކަޕޮކްސް ފެތުރެނީ ކުދި ކުދި “މަންމަލި” ޖަނަވާރުންގެ ކިބައިންނެވެ. އޭގެ ތެރޭގައި ހާއްސަކޮށް މީދާ ޒާތުގެ ޖަނަވާރުތައް ހިމެނެއެވެ. ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް މި ބަލި ޖެހުނު ނަމަވެސް އިންސާނުންގެ ތެރޭގައި މި ބަލި ފެތުރޭކަމުގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.
ކަށިވިދުރިއާއި އެއް އާއިލާއަކަށް ނިސްބަތްވާ މިބަލީގެ ސަބަބުން ގައިގައި ނަގާ ފޮޅުތައްވެސް ކަށިވިދުރިއާ ދާދި އެއްވައްތަރެވެ.
ބުލެޓިންގައިވާ ގޮތުގައ މި ބަލި އެ މީހާގެ ގަޔަށް އެރީ އެމީހާ ގެންގުޅޭ ބުޅާ ގައިގައި ވަކިއެޅުމުން ކަމަށް ބެލެވެއެވެ. ނަމަވެސް ފަހުން އެ ބުޅާ ޓެސްޓު ކުރުމުން ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ.
އަލަސްކާގެ ކުދި “މަންމަލި” ޖަނަވާރުންގެ މެދުގައި ވައިރަސް މާ ފުޅާދާއިރާއެއްގައި ފެތުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އިންސާނުންގެ ތެރޭގައި އިތުރު އިންފެކްޝަންތަކެއް ފެތުރިފައިވީ ނަމަވެސް ދެނެގަނެވިފައި ނުވަނީ ކަމަށް ބެލެވޭ ކަމަށް އަލަސްކާ ޑިވިޝަން އޮފް ޕަބްލިކް ހެލްތުން ބުނެފައިވެ އެވެ.
“މުޅި އަލަސްކާގެ ޖަނަވާރުންގެ އާބާދީތަކުގައި ވައިރަސް ފެތުރޭ މިންވަރު ރަނގަޅަށް ދެނެގަތުމަށް ޓަކައި ޖަނަވާރުންގެ އިތުރު ޓެސްޓުތައް ދަނީ ހަދަމުން.”
އަލަސްކާގެ ޑިޕާޓްމަންޓް އޮފް ހެލްތުން ލަފާދެނީ ބަލީގެ އަލާމަތްތަކާއި ބެހޭގޮތުން އާންމުންނާއި ޑޮކްޓަރުން ހޭލުންތެރިވުމަށާއި ގަވާއިދުން ވައިރަހަށް ޓެސްޓު ކުރުމަށެވެ. އަދި އަލަސްކަޕޮކްސް އަށް ޝައްކު ކުރެވޭ މީހުން ޒަހަމްތައް ނިވާކޮށްފައި ބެހެއްޓުމަށާއި، އެ ތަންތަނުގައި އަތްނުލުމަށް ނަސޭހަތްތެރިވެއެވެ

