މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެެވެ.
އަންނަ މަހުގެ 6 ވަނަ ދުވަހު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ކުރިއަށް ގެންދާނީ އިންޓަރނޭޝަނަލް ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓަޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި ޖޮހޯރް ޕޯޓް (މެލޭޝިއާ) އަދި ޕޯޓް އޮފް ވެލެންސިއާ (ސްޕެއިން)އާ ގުޅިގެންނެވެ.
ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެކެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހިޔާލު ބަދަލުކުރުމެވެ. އަދި މި ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.
މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
މި ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެއެވެ.
މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު 25 ފެބްރުވަރީ 2025 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ. މެރިޓައިމް ފޯރަމްގައި ރަޖިސްޓްރީވުމަށް: https://rb.gy/s9hec5
މެރިޓައިމް ފޯރަމްގެ ވެބްސައިޓް: https://rb.gy/zhviwh

