އެމްޑީޕީގެ ލީޑަރޝިޕުން ކުރާކަމަކީ ގައުމު ހަލަބޮލި ކުރުން ކަމަށާޢި، އަދި އެކަންކަމާއި ހިތްހަމަނުޖެހިގެން މި ސަރުކާރާއި ގުޅުނީ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މަރަދޫ އާއި މަރަދޫ ފޭދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނާއި ގުޅިވަޑައިގަތީ ވަރަށް ވިސްނުމަށްފަހު ކަމަށެވެ.
ޤައުމީ އޮތީ ބަނގޫރުޓުވެފައި ނޫން ކަމަށާއި ޤައުމު އޮތީ އެތައް ހާސް ބިލިއަން ރުފިޔާއަކަށް ދަރާފައި ކަން ފާހަގަ ކުރައްވަމުން ޝަރީފް ވިދާޅުވީ އެކަން ހަމައަކަށް އަޅުވަން ވަގުތު ނަގާނެ ކަމަށެވެ.
“ކިތަންމެ ދަތި ފިޔަވަޅެއް އަޅަން ޖެހުނަސް އަޅުއްވާށޭ އަޅުގަނޑު ބުނާނީ، އެއްވެސް ގޮތަކަށް މީހަކު ކިޔާފާނެ އެއްޗަކަށް ވިސްނާނެ ކަމެއް ނެތޭ. ޤައުމު ސުންނާފަތި ކުރަން، ޤައުމު އަނދަވަޅަކަށް ވައްޓަން މަސައްކަތް ކުރާ މީހުން ފެއިލް ކޮށްލައްވާށޭ، މަނިކުފާނަށް އެކަން ކުރެއްވޭނެ، އަޅުގަނޑަށް ޔަޤީން ކުރެއްވޭނެކަން،”
ޝަރީފް ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރެވޭނެ ހަމައެކަނި ބޭފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށާއި ރަނުން ރަނަށް އަކުރުން އަކުރަށް ރައީސް ވައުދު ފުއްދަވާނެކަން ޝައްކު ނުކުރައްވާނެ ކަމަށެވެ.
ދައުލަތް ހިންގުމުގައި ރައްޔިތުންގެ ހިތްތަކާއި ޝުއޫރުތައް އަޑުއަހައިގެން، އަތުކުރި އޮޅައިގެން މަސައްކަތް ކުރެއްވުމަށް ރައީސް ތައްޔާރަށް ހުންނެވި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ޑރ. މުއިއްޒަކީ ރައްޔިތުންނަށް އެންމެ އަޅާލާ “ހޭންޑްސް އޮން” ރައީސް ކަމަށެވެ. ހޭންޑް އިން ރައީސެއް ކަމަށް ވިދާޅުވާން ޖެހެނީ އެމަނިކުފާނަކީ ރައްޔިތުންގެ ކަންކަމުގައި މަޝްވަރާ ކުރައްވާ، އަމިއްލަފުޅަށް މެސެޖުތަކަށް އެމަނިކުފާނު ޖަވާބުދާރީ ވާތީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

