އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވަން ނިންމާފައިވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.
އޭނާގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އެމްޑީޕީގެ އާއްމު މެންބަރުންގެ ތާއީދާއި އެއްބާރުލުމަށް އެދިވަޑައިގަންނަވާ އެވެ.
“އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭމިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނަން” މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ލިޔުއްވާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމަށް ފަހު އެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ނަޝީދު ޖޫން 21، 2023 ގައި އެމްޑީޕީން ވަކިވެ ވަޑައިގަތުމާ ގުޅިގެން، ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ވަގުތީ ގޮތުން ޕާޓީގެ ރައީސް ކަމުގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހަމަޖައްސައިފަ އެވެ. މިހާރުވެސް އެ މަގާމުގައި ހުންނެވީ އެމަނިކުފާނެވެ.
އެމްޑީޕީގެ ރައީސް ކަމަށް ހުޅުވާލާފައިވާއިރު، މިހާތަނަށް އެހެން ބޭފުޅަކު އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެއް ނުވެ އެވެ.

