އަންނަ މާޗު 17، ގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، އެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މާދަމާ 15:00 ގެ ނިޔަލަށް މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.
އެ ރަޖިސްޓަރީ އެ ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށް ފެންނަން ހުންނާނެ އެވެ. މީގެ އިތުރުން ވީއާރް ޖެހުމަށްފަހު ހުސްތަންކޮޅެއް ޖަހައި، އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް މެޖެސު ކޮށްގެން ވޯޓުލާން ޖެހޭ ފޮށީގެ މައުލޫމާތު ޗެކުކުރެވޭނެ އެވެ.
ވޯޓު ފޮށީގެ މައުލޫމާތު ހިމެނޭ ރަޖިސްޓަރީ އަށް ޝަކުވާ ހުށަހެޅޭނީ “ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު” އިންނެވެ. ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ވެސް ލިބެން ހުންނާނެ އެވެ.
ޝަކުވާ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން އެރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި ކޮމިޝަނުގެ އީމެއިލް އެޑްރެހުން ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެ އެވެ.
މީގެ އިތުރުން އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އިން ވެސް ޝަކުވާ ފޯމު ބަލައިގަންނާނެ އެވެ.
މަޖިލިސް އިންތިހާބުގެ ތާރީހު ރޯދަ މަހުގެ ދިހަ ދުވަސް ފަހަށް ބަދަލުކުރުމަށް ފާސްކޮށް، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ބިލު ތަސްދީގުކުރުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފޮނުވާފަ އެވެ.

