ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ޒޯނު ބުރުގައި މިރޭ ގދ. ވާދޫ އަދި ގއ. ކަނޑުހުޅުދޫ ބައްދަލުކުރާ މެޗު އޮންނާނެ އެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ އަތޮޅު ބުރުގެ މެޗުތައް ނިމި މިހާރު ކުރިއަށްދަނީ ޒޯނު ބުރުގެ މެޗުތަކެވެ. އެގޮތުން މިރޭ ވެސް ޒޯނު ބުރުގައި ވަރުގަދަ ކުރިމަތިލުންތަކެއް އޮތްއިރު އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މެޗަކީ ޒޯން ހަތެއްގައި ވާދޫ އަދި ކަނޑުހުޅުދޫ ވާދަކުރާ މެޗެވެ.
ވާދޫން ޒޯނަށް ކޮލިފައިވީ ގދ. އަތޮޅު ތަށި ކާމިޔާބުކޮށްގެންނެވެ. މިދިޔަ ތިން އަހަރު ވެސް އަތޮޅު ތަށި ނެގި ވާދޫ ޓީމަކީ މިދިޔަ އަހަރުގެ ގޯލްޑެން ފުޓްސަލް މުބާރާތުގެ ރަނަރަޕް ޓީމެވެ. އަނެއްކޮޅުން ކަނޑުހުޅުދޫ ޒޯނަށް ކޮލިފައިވެފައި ވަނީ ގއ އަތޮޅު ޗެމްޕިއަނުން ގޮތުގައެވެ.
ޒޯނު ބުރުގައި ކަނޑުހުޅުދޫ ކުޅުނު ފުރަތަމަ މެޗުގައި ޏ. ފުވައްމުލަކު ދަޑިމަގު ޓީމް އަތުން ވަނީ 6-1 އިން ބަލިވެފައެވެ. ނަމަވެސް އެ ޓީމުން ވަނީ ދެވަނަ މެޗުގައި އަވައްޓެރި ގެމަނަފުށި 3-1 އިން ބަލިކޮށްފައެވެ. ވާދޫން ޒޯން ބުރުގައި މިހާތަނަށް ކުޅުނީ އެންމެ މެޗެކެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު އެ މެޗުގައި ދަޑިމަގާ ކުޅެ ވާދޫ ވަނީ 3-1 އިން ބަލިވެފައެވެ.
ކަނޑުހުޅުދޫން ދެ މެޗު ކުޅެ އެއް މެޗުން ބަލިވެފައިވުމުން އަދި ވާދޫ ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވުމުން މިރޭގެ މެޗުން ތިން ޕޮއިންޓް ހޯދުމަކީ މުބާރާތުގައި ކުރިއަށް ދިއުމަށް މި ދެ ޓީމަށް ވެސް މުހިއްމު ކަމެކެވެ. ހުވަދު އަތޮޅުގެ ދެ ޗެމްޕިއަނުންގެ ކުރިމަތިލުން ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 23:00ގަ އެވެ. މި މެޗު ކުޅޭނީ ރެހެންދި ފުޓްސަލް ގްރައުންޑް 1 ގައެވެ.
ޒޯން ހަތެއްގައި މިރޭ ދެން ކުޅޭ މެޗުގައި ދަޑިމަގުން ނުކުންނާނީ މިފަހަރު އައްޑޫގެ އަތޮޅު ތަށި ނެގި ސ. ހިތަދޫއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ މިރޭ 23:00 ގައި ރެހެންދި ފުޓްސަލް ގްރައުންޑް 2 ގައެވެ.

