ރައްޔިތުންގެ މަޖިލީހުގެ ކ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެ ދާއިރާގެ ރައްޔިތުންނަށް ރަމަޝާން މަހުގެ ރޯދަ ހަދިޔާ ދިނުމަށް ނިންމައިފިއެވެ.
ވަގުތު ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުން ރޯދަ ހަދިޔާ އަށް މިއަހަރު ޖާބިރު ދޭން ބޭނުންވަނީ އެ ދާއިރާގައި ހިމެނޭ ކާށިދޫގެ އިތުރުން ގާފަރުގެ ކޮންމެ ގޭބީސީ އަކަށް ތިން ބާވަތުގެ ކާޑެވެ. ކާޑުގެ ބާވަތްތަކުގެ އިތުރަށް ރަމަޝާން މަހަށް ތައްޔާރު ވުމުގެ ގޮތުން ގޭގެއަށް ބޭނުންވާ ޒަރޫރީ ތަކެތިވެސް ހަދިޔާ ކުރެއްވުމުގެ މަސައްކަތް މިހާރު ޖާބިރު ފައްޓަވާފައިވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
“މިއީ ކޮންމެ އަހަރަކުވެސް އަޅުގަނޑު ކުރަމުންދާ ކަމެއް. މިއަހަރުވެސް އަޅުގަނޑު މިދަނީ މި މަސައްކަތް ކުރަމުން. މިއީ ދާއިރާގެ ރައްޔިތުންނަށް ހައްގުވާ އެއްޗެއް.” ވަގުތު ނޫހަށް މައުލޫމާތު ދެމުން ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ކާށިދޫ ދާއިރާގެ ގޮނޑިއަށް ކުރިމަތިލެއްވުމަށް ނިންމަވައިފައެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް ޓިކެޓު ލިބިވަޑައިގެންނެވި ނަމަވެސް ސުލޫކީ މައްސަލައެއްގައި އެ ޕާޓީން ވަނީ އޭނާގެ އަތުން ޓިކެޓު އަތުލައިފައެވެ. އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރައްވާ ޖާބިރަށް ލިބިވަޑައިގެންނެވި ކެންޑިޑޭޓު ނަންބަރަކީ ފަހެކެވެ. ޖާބިރު ވަނީ އޭނާ އަށް ވޯޓު ދެއްވުމަށް ދާއިރާގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

