މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އެ އިދާރާ އަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ފާތިމަތު ދިޔާނާ މިއަދު އައްޔަނު ކޮށްފި އެވެ.
ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަގާމުގެ ފޮތިކޮޅު ހަވާލުކޮށް ދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދެވެ.
ކަސްޓަމްސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ މިދިޔަ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އަންހެން ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރު ކަމަށެވެ.
“މިއީ ކަސްޓަމްސްގައި މިންތީގެ ހަމަހަމަކަން ގާއިމްކޮށް، ބާރުވެރިކުރުވުމަށް އެޅި ވަރުގަދަ ފިޔަވަޅެއް،” ކަސްޓަމްސް އިން ބުންޏެވެ.
ދިޔާނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ދިޔާނާ ވަނީ މިދިޔަ 23 އަހަރު ދުވަހުގެ ތެރޭގައި އެ އިދާރާ އަށް ވަރަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ.
ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.

