މިދިޔަ 5 އަހަރު ތެރޭގައި، އޭގެ ކުރީގެ 40 އަހަރުގައި ފައިސާ ޗާޕު ނުކުރާ ވަރަށް ފައިސާ ޗާޕުކުރިކަމަށާއި ޖުމްލަ 8 ބިލިއަން ރުފިޔާ ކުރީ ސަރުކާރުން ޗާޕުކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ފޭދޫ ރައްޔިތުންނާއި ހިތަދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފޭދޫ ސްކޫލުގައި ބޭއްވުނު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދަޅުވީ އެމަނިކުފާނުގެ ސަރުކާރުން ފުރަތަމަ ދުވަހުވެސް ބުނިގޮތަށް، ކިތަންމެ ދަތިވިޔަސް ފައިސާ ޗާޕު ނުކުރާނެކަމަށެވެ، އަދި އެމަނިކުފާނުގެ ސަރުކާރުގެ މި ނިންމުމަށް ދުނިޔޭގެ މާލީ އިދާރާއިންވެސް ތާއީދުކޮށް ތަޢުރީފުކޮށް ބަޔާން ނެރެފައިވާ ކަމަށެވެ.
ފޭދޫ ރައްޔިތުންނަށް ރައީސް ދެއްވި ޔަޤީން ކަމަކީ ފޭދޫ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ހުރިހާ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ކޮށްދެއްވާނެ ކަމެވެ. މިގޮތުން ފޭދޫގެ ރައްޔިތުންނަށް ހިއްކާފައި އޮތް ބިން ބޭނުންކުރެވޭ ވަރަށް، ފެނާއި ނަރުދަމާފަދަ ޚިދުމަތްތައް ޤާއިމު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ތަރައްޤީގެ މަޝްރޫޢުތަކަށް ވަރަށް ދަތިވާ ކަމަށާއި ދިވެހި ޤައުމުގެ އިޤްތިސާދު އޮތީ ވަރަށް ފުން ވަޅުގަނޑަކަށް ވައްޓާލާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން މިދިޔަ ސަރުކާރުން 120 ބިލިއަން ރުފިޔާއިން މިޤައުމު ދަރުވާލާފައި، އަލުން ނުކުމެ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ކެންޕޭނުގައި އެފަރާތްތަކަށް ފުރުސަތު ދިނުމަށް އެދުމަކީ ލަދުވެތިވާން ޖެހޭކަމެއް ކަމަށް ރައީސް ވިދާޅު ވިއެވެ.
ރައީސް ދެކުނުގެ 4 އަތޮޅަކަށް ކުރައްވާ ދަތުރު ފުޅުގައި ބައިވެރިވެލެއްވި ވަޒީރުންގެ ވަފުދު މިބައްދަލުވުމުގައި ބައިވެރިވެލެއްވިއެވެ. މިގޮތުން ދިފާޢީ ވަޒީރު ޣައްސާން މައުމޫން، ސިއްޚީ ވުޒާރާގެ ވަޒީރު ޑރ. ޚަލީލް އާއި ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުއާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަބްދުއްރަހީމް އަބްދުاللهގެ އިތުރުން ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު މިބައްދަލުވުމުގައި ބައިވެރި ވެލެއްވިިއެވެ.

