އިސްރާއީލާއި ފަލަސްތީނުގެ ވެރިކަން ކުރާ ޣައްޒާގެ ހަމާސް ޖަމާއަތާ ދެމެދު ހިގަމުންދާ ހަމަނުޖެހުންތަކުގައި އާންމުންނަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހުގައި އަންގާރަ ދުވަހު ވޯޓަށް އެހުމަށް އަލްޖީރިއާއިން ހުށަހަޅާފައިވާ ގަރާރަށް އެމެރިކާއިން ވަނީ ހުރަސް އަޅާފައެވެ. އަލްޖީރިއާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއް ނޫނެވެ. ނަމަވެސް އަލްޖީރިއާގެ ޑްރާފްޓާ ދެކޮޅު ހަދަނީ ކައުންސިލްގައި ވީޓޯ ކުރުމުގެ ބާރު އޮންނަ އެމެރިކާއިންނެވެ.
އދއަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ހޮނިހިރު ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޑްރާފްޓްކޮށްފައިވާ ގޮތަށް ވޯޓަކަށްދިޔަަޔަސް އެކަން ބަލައިނުގަންނާނެ ކަމަށާއި އެ ގަރާރަކީ ގަތަރާއި މިސްރުން ވެސް މެދުވެރިވަމުން އަންނަ އިސްރާއީލާއި ހަމާސް އާ ދެމެދު ހިނގަމުން އަންނަ ހަމަނުޖެހުން ތަކާއި ބެހޭ ގޮތުން ބާއްވާ މަޝްވަރާތަކުގައި ޑިޕްލޮމަސީގެ ތެރެއިން ހާސިލް ކުރެވޭނެ ކަމަށް ވޮޝިންޓަނުން ބުނާ ލަނޑުދަނޑިތަކާ ހިލާފަށް ހިނގައިދާނެ ގަރާރެއް ކަމަށެވެ.
ހަފުތާތަކެއް ވަންދެން މަޝްވަރާ ކުރަމުން އަންނަ އެއްބަސްވުމުގެ ދަށުން ހަފުތާއެއްހާ ދުވަސް ވަންދެން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލު ގައިދީން އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަދަލުކޮށް ޣައްޒާއަށް އިތުރު އިންސާނީ އެހީތަކަށް ވަދެވޭނެ އެވެ. ތޯމަސް-ގްރީންފީލްޑް ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުން އަޅާ ކޮންމެ ފިޔަވަޅެއްގެ ސަބަބުން ހަމާސް އަށް ހުށަހެޅުން ބަލައިގަތުމަށް މަޖުބޫރުކުރުވުމުގެ ބާރު ކައުންސިލްއަށް އޮތް ކަމަށެވެ
އެމެރިކާއިން ވަނީ ބާރުގެ ބޭނުންކޮށްގެން ސަލާމަތީ މަޖިލީހުގައި އިސްރާއީލަށް ތާއީދުކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަނގުރާމަ ފެށުނު ފަހުން އެގައުމުން އެތައް ފަހަރެއްގެ މަތިން އެކަން ކޮށްފައިވާއިރު، އެންމެ ފަހުން ޑިސެމްބަރު މަހުގެ ކުރީކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ގަރާރަށް ވެސް ހުރަސް އެޅިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޔޫއެންއެސްސީގެ ގަރާރެއް ފާސްކުރި ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި އެހެނިހެން ފަރާތްތަކުން ވަނީ އަސްލު ހުށަހެޅުން ބަދަލުކޮށްފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ.
އަލްޖީރިއާއިން މި ގަރާރު ވޯޓަށް އެހުމަށް ހުށަހަޅާފައި މިވަނީ އޮކްޓޯބަރު މަހުން ފެށިގެން ފަލަސްތީނުގެ އެހެން ހިސާބުތަކުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 1.4 މިލިއަން މީހުން ދިރިއުޅޭ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހަށް އިސްރާއީލުން އެއްގަމު މަގުން ހަމަލާއެއް ދޭން އުޅޭ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އެހީދޭ އިދާރާތަކާއި އދ އިން ވަނީ ރަފާހަށް އެއްގަމު މަގުން ހަމަލާއެއް ދިނުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

