ޖަރުމަނު ލީގުގައި ރަށުން ބޭރުގައި 3-2 އިން ބޯކަމް އަތްދަށުވެ، ނުވަ ދުވަސް ތެރޭ ބަޔާން މިއުނިކް ތިން ވަނަ މެޗުން ބަލިވެއްޖެ އެވެ.
ބަޔާން ވަނީ ރޭގެ މެޗުގެ ކުރިން ޖަރުމަނު ލީގުގައި ބަޔާ ލެވަކޫސަން އަތުންނާއި ޗެމްޕިއަންސް ލީގުގައި ލާޒިއޯ އަތުން ބަލިވެފަ އެވެ. އެ މާޔޫސްކަން އިތުރުވީ ރޭ ބޯކަމް އަތުން ބަލިވެ، ލީގުގެ ރޭހުގައި އިތުރަށް ފަހަތަށް ވެއްޓުމުންނެވެ. މިއީ، 2015 ވަނަ އަހަރަށް ފަހު ބެޔާން މިއުނިކް ޖެހިޖެހިގެން ތިން މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
ރަށުން ބޭރުގައި ރޭ ބޯކަމް އަތުން ބަލިވުމާ އެކު ބަޔާން ލީގު ދެވަނައިގައި އޮތީ، ލެވަކޫސަން އަށް ވުރެ އަށް ޕޮއިންޓް މަދުން ލިބިގެންނެވެ. ބަޔާނުން ކުޅުނު 22 މެޗުން 50 ޕޮއިންޓް ލިބިފައި ވާއިރު، ލެވަކޫސަން ވަނީ 58 ޕޮއިންޓް ހޯދައިފަ އެވެ.
ނަތީޖާތަށް ދަށްވެ ބަޔާންގެ ކޯޗު ޓުޗެލް މަގާމުން ވަކިކުރާނެ ކަމުގެ ވާހަކަތައް ޖަރުމަނު މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އަނެއްކޮޅުން ބަޔާނުން ހޯސޭ މޮރީނިއޯއާ ޓީމު ހަވާލުކުރަން އުޅޭކަމުގެ އަޑުތައް ވެސް އަންނަނީ ގަދަވަމުންނެވެ.
ބޯކަމްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ހާފުގެ ވެސް ކުރީކޮޅު ސަޕޯޓަރުންގެ ހަމަނުޖެހުންތަކާ ގުޅިގެން ކުޅުން މެދުކަނޑާލަން ޖެހުނެވެ. ދެވަނަ ހާފުގައި ކުޅުން ހުއްޓާލައި ކުޅުންތެރިން ދަނޑުން ވެސް ފޭބި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓްގައި ޖަމާލް މުސިއާލާ ވަނީ ބަޔާނަށް ލީޑުނަގައިދީފަ އެވެ. އެކަމަކު، މި ހާފު ނިމުމުގެ ކުރިން ބޯކަމް އިން ނަތީޖާ އަނބުރާލި އެވެ. ގޯލްތައް ޖެހީ، ޖަޕާންގެ ޓަކޫމާ އަސާނޯގެ އިތުރުން ޖަރުމަނު، ކެވެން ޝްލޯޓަބެކް އެވެ.
ނަތީޖާ ހަމަހަމަކުރަން ބަޔާނުން މަސައްކަތް ކުރަމުން ދަނިކޮށް، މެޗުގެ 76 ވަނަ މިނިޓްގައި އެ ޓީމުގެ ޑަޔޫޓް އުޕަމެކާނޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ، އުޕަމެކާނޯ އަށް ޖެހިޖެހިގެން ދެ ވަނަ މެޗުގައި ދެއްކި ރަތް ކާޑެވެ. ޗެމްޕިއަންސް ލީގުގައި ލާޒިއޯއާ އެކު ބަޔާނުން ކުޅުނު މެޗުގައި ވެސް އުޕަމެކާނޯ އަށް ރަތް ކާޑެއް ދެއްކި އެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީން، ބޯކަމްގެ ކެވިން ސްޓޯގާ ވަނީ އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް، ހެރީ ކޭން ބަޔާނަށް ގޯލެއް ޖަހައި އުންމީދެއް ހޯދައިދިން ނަމަވެސް، އިތުރު ގޯލެއް ޖަހައި، ބަޔާނަށް ނަތީޖާ އެއްވަރުކޮށް ނުލެވުނެވެ.
ކޭން ޖެހި ގޯލަކީ، ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ޖެހި ހަމައެކަނި ގޯލެވެ. ކޭން ބަޔާނުގައި ހުރީ އެންމެ ހިތްހަމަ ޖެހިގެން ނޫން ކަމަށް، ކޯޗު ޓުޗެލް ވެސް ވަނީ މެޗުގެ ކުރިން މީޑީއާތަކާ އެކު ބޭއްވި ބައްދަލުވުމުގައި ހާމަ ކޮށްފަ އެވެ.

