ރޯދަމަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވަންޖެހޭ ގޮތަށް ފާސްކުރި ބިލު ތަސްދީގުކުރުން އަވަސް ކުރުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ގޮވާލައްވައިފި އެވެ.
ސޯޝަލްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، އިންތިހާބު ފަސްކުރުމަށް ފާސްކުރި ބިލު ވަގުތުން ތަސްދީގުކުރަން ޖެހޭ ކަމަށެވެ.
“އިންތިހާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން. ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިހާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ހައްގުގެ ބޭނުންކުރުމަށް.” ފައްޔާޒު ވިދާޅުވެ އެވެ.
ރޯދަ މަހުގެ ތެރޭގައި އިންތިހާބުތައް ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރުމުން އީސީގެ ނައިބު އިސްމާއީލް ހަބީބު ވިދާޅުވީ މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ 10 ދުވަސް ފަހުން ބާއްވައިފިނަމަ، ވޯޓު ގުނުމަށްފަހު ދާއިމީ ނަތީޖާ އިއުލާނުކޮށް، އިންތިހާބުގެ ހުރިހާ ކަމެއް ނިންމަން ލިބޭ މުއްދަތު ވަރަށް ކުރުވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އޭޕްރީލް 28 ވަނަ ދުވަހާ ހަމައަށް އިންތިހާބުގެ ހުރިހާ ކަމެއް ނިމި، އަންގަން ޖެހޭ މުއައްސަސާތަކަށް އަންގާފައި އޮންނަންޖެހޭ ކަމަށެވެ. އެހެންކަމުން އޭޕްރީލް 21 ގައި އިންތިހާބު ބާއްވައިފިނަމަ ވޯޓު ގުނުމަށް ލިބެނީ ހަ ދުވަހުގެ މުއްދަތު ކަމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭ ކަމަށެވެ. އެ ގާނޫނަށް ރިއާއަތްކޮށް ހަބީބް ވިދާޅުވީ އިންތިހާބު ފަސް ކުރާނަމަ، އިންތިހާބަށްފަހު ކަމެއް ހިނގައިފި ހާލަތެއްގައި އެކަން ހައްލު ކުރުމަށް ކޮންމެވެސް ވަރެއްގެ މުއްދަތެއް ލިބިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
މި ބިލު ތަސްދީގުކޮށް ގާނޫނަކަށް ވުމުން، އަންނަ ރޯދަމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވެސް ފަސްކުރަން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް އިން ކަނޑައަޅާފައިވާ ތާރީހަކީ މާޗު 17 އެވެ. އެއީ ރޯދަމަހުގެ ހަތްވަނަ ދުވަހެވެ. ރޯދަމަހުގެ ތެރޭގައި އިންތިހާބު ބާއްވައިފިނަމަ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެދާނެ ކަމުގެ ކަންބޮޑުވުން ޕާޓީތަކުންނާއި އާންމު ފަރުދުން ވަނީ ފާޅުކޮށްފަ އެވެ.

