ގުލައިސީމިކް އިންޑެކްސް (ކާނާގައި ހަކުރު އެކުލެވޭ މިންވަރު) މަތި ކެއުންތަކާއި ބުއިންތައް އާންމުކޮށް ޑައިޓުގައި ހިމެނުމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމީ އާންމުކޮށް އަޅުގަނޑުމެން އެންމެނަށްވެސް އިނގޭ ކަމެކެވެ. މިއީ މިހާރުން މިހާރަށް ހައްލުކުރަން ޖެހިފައި އޮތް ވަރަށް ސީރިއަސް މައްސަލައެކެވެ.
ކާނާގައި ހަކުރު އެކުލެވޭ މިންވަރު މަތި ކެއުންތައް އާންމު ޑައިޓުގައި ހިމެނުމުން ކުރިމަތިވާ އެންމެ ބޮޑު މައްސަލަ އަކީ މީހާ ޓައިޕް ޓޫ ޑައިބެޓީސް އަށް ހުށަހެޅިގެން ދިއުމެވެ. ހަކުރު ބައްޔަކީ ޗިސްމޭއިން އުފައްދާ އިންސުލިން ނަމަކަށް ކިޔާ ކުޑަ ޕުރޮޓީނެއް އުފައްދާ މިންވަރު މަދުވުމުން ނުވަތަ އިންސުލިން ފުރިހަމަޔަށް ރަނގަޅަށް މަސައްކަތް ނުކުރުމުން ދިމާވާ ހާލަތެވެ. މި ހާލަތު ދިމާވާން ވަކި އުމުރެއް، ވަކި ޖިންސެއް ނެތެވެ.
ޓައިޕް ވަން ޑައިބެޓިކްސް އާއި ޓައިޕް ޓޫ ޑައިބެޓިސް އާއި، ގެސްޓޭޝަނަލް ޑައިބެޓިކްސް އާއި އެހެނިހެން ޑައިބެޓިކްސްތަކަކީ ހަކުރު ބަލީގެ ވައްތަރުތަކެވެ. ހަކުރު ބަލީގެ ސަބަބުން ލޭ މައްޗަށް ދިއުން އިތުރުވެ، އާޓެރީސްތައް ކްލޮގުވެ، ހާޓްއެޓޭކާއި ސްޓްރޯކް ފަދަ ފުރާނައަށް ނުރައްކާވާ ހާލަތްތައް ކުރިމަތިވެއެވެ. މީގެ އިތުރުން ޕީސީއޯޑީ ނުވަތަ ޕޮލިސިސްޓިކް އޮވޭރިއަން ސިންޑްރޯމް އަކީ ވެސް ހަކުރު ބަލީގެ ސަބަބުން ކުރިމަތިވެދާނެ މައްސަލައެކެވެ.
ކެންސަރުގެ ރިސްކު ބޮޑުވުން
ހަކުރަކީ ކެންސަރު ޖެހުމަށް ވެސް މަގުފަހިކުރުވާ އެއްޗެކެވެ. ހަކުރުގެ ސަބަބުން މީހާ ފަލަވެ، އިންފްލަމޭޝަން އަދި އިންސުލިން ރެސިސްޓެންސް ފަދަ މައްސަލަތަކާ ކުރިމަތިވެއެވެ. މި ދެ ކަމަކީ ވެސް ކެންސަރުގެ ފުރުސަތު ބޮޑު ކުރުވާ ކަންތަކެވެ. ދިރާސާއަކުން ދައްކާ ގޮތުން ހަކުރު އިންޓޭކް ހައި ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ރިސްކު ބޮޑެވެ.
މިހާ ޑިޕްރެޝަން އަށް ހުށަހެޅިގެން ދިއުން
ހަކުރު އިންޓޭކް ހައިވެ ހަށިގަނޑު ޓައިޕް ޓޫ ޑައިބެޓީސް ހުށަހެޅި ނުވަތަ އިންސުލިންގެ މައްސަލަތަކާހެދި ބަރުދަން އިތުރުވެ މީހާ ޑިޕްރެޝަނަށް ވައްޓާލައި ހިސާބަށް ވަރަށް ގިނައިންދެ އެވެ. އޮބީސް ކުދިންނަށް ޑިޕްރެޝަނުގެ ރިސްކު އަބަދުވެސް ބޮޑެވެ. މީގެ އެންމެ ސީރިއަސް ކަމަކީ ހަކުރު ހިމެނޭ އެއްޗެހި ގަވާއިދުން ކައި ހެދުމަކީ އެކަމަށް ދެވިހިފައި ދޫކޮށްލަން އުނދަގޫ އާދައަކަށް ވެގެން ދިއުމެވެ. ގިނަ މީހުންނަށް ދިމާވަނީ މި މައްސަލަ އެވެ. ނުކާން ހުއްޓަސް އަމިއްލަ ބާރެއް ނެތި ހަކުރު ހިމެނޭ އެއްޗެއްސަށް ޖާގަ ދެވެނީއެވެ. ނަތީޖާއެއްގެ ގޮތުން ބަރުދަން ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެ އިތުރުވެ މީހާ އޮބީސްވެގެން ދިއުމެވެ. ހަކުރުގެ ސަބަބުން ކުރިމަތިވާ އިންސުލިންގެ މައްސަލަތަކާހެދި ފަހުން ބަރުދަން ލުއިކުރުމަކީ ހާއްސަކޮށް ގިނަ އަންހެނުންނަށް ގިނަ ފަހަރެއް އުނދަގޫ ކަމަކަށް ވެގެންދެ އެވެ.
މޫނުގައި އޮށާޅަ ނެގުން
ޑައިޓުގައި ރިފައިންޑް ކާބޯހައިޑްރޭޓްސް އަދި ހަކުރު ފަދަ ތަކެތި ގިނަ ނަމަ އެކްނީ އުފެދުމުގެ ޖާގަ ބޮޑެވެ. މިހެން ދިމާވަނީ ލޭގައި ހުންނަ ހަކުރުގެ މިންވަރު މަތިވުމުން މޫނުގައި ތެޔޮ އުފައްދާ މިންވަރު އިތުރުވެން ދިއުމުންނެވެ. އާއްމުކޮށް މޫނުގައި އޮށާޅަ ނަގަނީ ހޯމޯންތަކަށް އަންނަ ބަދަލެއްގެ ސަބަބުންނެވެ. މި ހޯމޯނަލް ޗޭންޖަސް އަންނަން މެދުވެރިވާ އެއް ސަބަބަކީ ހަކުރު އިންޓޭކް ހައިވެ ހަށިގަނޑުގެ އިންސުލިން ލެވެލް ކޮންޓްރޯލުން ނެއްޓިގެން ދިއުމެވެ. ދިރާސާއަކުން ދައްކާ ގޮތުން ބޮޑެތި މީހުން ހަކުރުގެ މިންވަރު ގިނައިން ހުންނަ ސޯޑާ، ފޮނި އެއްޗެހި އަދި ކާބްސް ކެއުމުން އެކްނީ ފަދަ މައްސަލަތައް ދިމާވުމުގެ ފުރުސަތު 80 އިންސައްތަ ބޮޑުވެގެންދެ އެވެ.
މި ދެންނެވި ހާލަތްތަކުގެ އިތުރުން ހަކުރު އިންޓޭކް ހައިވުމަކީ ގުރުދާގެ ބަލިތަކާއި ބަނޑު ހިކުމާއި ބަނޑުގެ އުދަގޫތަކާއި، ލޮލުގެ ބަލިތަކުގެ އިތުރުން އައްސިވުމާއި އިހުސާސް ނުކުރެވުން ފަދަ ނާރުގެ ބަލިތަކަށާއި، ޖިންސީ ބަލިކަށިކަމަށް ވެސް މީހާ ހުށަހެޅިގެންދާ ކަމެކެވެ. ތިޔަ ބޯ އެނާޖީ ޑުރިންތަކާއި ޕެކެޓްތަކާއި ފިޒީ ޑްރިންކްތަކާއި، ކާ ޕިއްޒާތަކާއި ސަބްމެރީންތަކާއި ބާގާތައް ކެއުން މަދުކުރަން ޖެހެއެވެ.
ޑައިޓަށް ބެލުމުގެ އިތުރުން ދުޅަހެޔޮ ސިއްޙަތަކަށް ކަސްރަތު ކުރުން ވެސް މުހިއްމެވެ. ކަސްރަތުން އިންސުލިންގެ މަސައްކަތް ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމަށް އެހީވެދެ އެވެ. ހަކުރުގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް ހޭހަންތެރިވެ އެވެ. ކަސްރަތަކީ މީހާ ފަލަވުމާއި ލޭމައްޗަށް ދިއުމާއި ކެންސަރު ޖެހުމުން ވެސް ދުރުކޮށްދޭ ކަމެކެވެ.

