ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން އިތުރު 11 ފަޅުވެރިން ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީ އިން އެކްސްގައި ކުރި ޕޯސްޓްތަކެއްގައި ބުނީ ގއ.ނިލަންދޫ 4 ދޯނިން 4 ފަޅުވެރިއަކު، ދާންދޫ 7 ދޯނިން 7 ފަޅުވެރިއަކު ރެސްކިއު ޑައިވަރ ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
ރެސްކިއު ޑައިވަރ ކޯސް ކުރިއަށް ގެންދިއުމަށް ދާންދޫ ކައުންސިލާއި އިދާރާތަކުންނާއި ނިލަންދޫ ކައުންސިލާއި އިދާރާތަކުން އެ މިނިސްޓްރީގެ އިންސްޓްރަކްޓަރަށް ދެއްވި އެއްބާރުލުމާ އެހީތެރިކަން ފާހަގަކޮށް ފިޝަރީޒް މިނިސްޓްރީއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މަސްވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކުރުމުގެ ޕްރޮގްރާމް އިފުތިތާހު ކުރީ މިދިޔަ ޖަނަވަރީ ފަހުކޮޅުގައި ގދ.މަޑަވެލީގައެވެ. އެ ރަށުގެ 8 ދޯންޏެއްގެ 8 ފަޅުވެރިއަކު މިހާރު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. މީގެ އިތުރުން ގއ. ކޮލަމާފުށީގެ 5 ދޯންޏެއްގެ 5 ފަޅުވެރިއަކު ވެސް ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

